11 May 2010, 15:05
19:00
ހުޅުމާލޭގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ މީޑިއާ ޕާކުގެ ބިންތަކަށް އެދި ބިޑް ހުށަހެޅި އަށް ފަރާތަކުން ބިން އިހުތިޔާރުކޮށްފި އެވެ.
ހުޅުމާލޭގެ ހުޅަނގު ދެކުނުން އިންޑަސްޓްރިއަލް ސަރަހައްދެއްގެ ގޮތުގައި ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި ޤާއިމްކުރުމަށް ހަމަޖައްސާފައިވާ މީޑިއާ ޕާކްގެ 15 ބިމެއް 25 އަހަރަށް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު މިދިޔަ އަހަރު އެޗްޑީސީން ހުޅުވާލުމާ ގުޅިގެން އަށް ފަރާތަކުން ވަނީ ބިޑް ހުށަހަޅާފަ އެވެ. އަދި ބިޑް ހުށަހެޅި އަށް ފަރާތާއެކު ބިން އިހްތިޔާރު ކުރުމުގެ ކަންތައްތައް މިއަދު ހުޅުމާލޭގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
މިކަމާ ބެހޭ ތަފްސީލް ދެއްވަމުން އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ސުހެއިލް އަހުމަދު މިއަދު ވިދާޅުވީ މީޑިއާ ޕާކްގެ ބިންތައް އިހްތިޔާރްކުރުމުގެ ފުރުސަތު ދީފައިވަނީ ބިޑް ހުށަހެޅި ފަރާތްތައް ކެޓަގަރައިޒްކޮށް، ރޭންކޮށްގެން ކަމަށެވެ. އެގޮތުން ތިން ކެޓަގަރީއަކަށް ބަލާލުމަށްފަހު، ކޮންމެ ކެޓަގަރީއަކުންވެސް އެންމެ މަތީ އަގެއް ހުށަހެޅި ފަރާތަކަށް ފުރަތަމަ ބިމެއް އިހުތިޔާރުކުރުމުގެ ފުރުސަތުދީފައިވާ ކަމަށް ސުހެއިލް ވިދާޅުވި އެވެ. އެގޮތުން އޭ ކެޓަހަރީއަކީ ނިސްބަތުން އެންމެ މުވައްޒަފުން ގިނަ ކުންފުނިތައް ހިމެނޭ ކެޓަގަރީ ކަމަށާއި އެކެޓަގަރީން އެންމެ ފުރަތަމަ ބިމެއް އިހުތިޔާރްކުރުމުގެ ފުރުސަތު ލިބިފައިވަނީ ސަންއެފްއެމަށް ކަމަށްވެސް ސުހެއިލް ވިދާޅުވި އެވެ. މީގެއިތުރުން ބީ ކެޓަގަރީއަކީ މުވައްޒަފުން މެދުމިންގަނޑަކަށް ގެންގުޅޭ ކުންފުނިތައް އަދި ސީ ކެޓަގަރީއަކީ އެންމެ މުވައްޒަފުން މަދު ކުންފުނިތައް ކަމަށްވެސް ސުހެއިލް ވިދާޅުވި އެވެ.
އެޗްޑީސީން ބުނީ މިއަދު ބިންތައް އިހްތިޔާރުކުރި ފަރާތްތަކަށް އެފަރާތްތަކުން އިހްތިޔާރްކޮށްފައިވާ ބިންތަކުގެ މައުލޫމާތާއެކު ލިއުމަކުން، އެ ބިންތަކުގެ ކުއްޔަށްވާ ތިން މަހުގެ ޑިޕޮސިޓް ފައިސާ ދެއްކުމަށް އެނގޭނެ ކަމަށާއި އަދި އެފައިސާ ދެއްކުމަށް އަންގާތާ 14 ދުވަހުގެ ތެރޭގައި އެފަރާތްތަކުން އެފައިސާ އެޗްޑީސީއާ ހަވާލުކުރުމުން އެގްރީމަންޓްކުރުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެ ކަމަށެވެ.