މާފަންނުގައި މޫދަށް އެރި ހިތްފަސޭހަކޮށްލަން ހާއްސަކޮށް ހަދާފައިވާ ރަސްފަންނު ސަރަހައްދުގައި ބާބަކިއު ހެދުމަށް ބޭނުންވާނެ ސާމާނު ވިއްކާ ފިހާރައެއް ހުޅުވައި، ތަފާތު ބަދަލުތަކެއް ގެނެސްފި އެވެ.

މިއަދު ހަވީރު ރަސްފަންނު ސަރަހައްދުގައި ބޭއްވި ހަފްލާއެއްގައި ވަނީ އެ ސަރަހައްދުގައި ގާއިމްކޮށްފައިވާ ބާބަކިއު ސަރަހައްދުގައި ހަދާފައިވާ ބާބަކިއު ފިހާރަ ހުޅުވައިފައެވެ. އޭގެ އިތުރުން އެ ސަރަހައްދުގައި އުނދޯލިގެ އެއް ބަހައްޓައި، މޫދަށް އެރޭ ސަރަހައްދުގައި ހަދާފައިވާ މޫދު ކުޅިވަރުގެ ވަސީލަތްތައް ވަނީ އާންމުންނަށް ރަސްމީކޮށް ހުޅުވާލައިފައެވެ.

ރަސްފަންނުގައި ގާއިމްކޮށްފައިވާ މޫދު ކުޅިވަރުގެ ވަސީލަތްތައް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރަސްފަންނުގައި ބާބަކިއު ފިހާރައެއް ހަދައިދީފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. އުނދޯލިގެ ތައްޔާރުކުރީ އެސްޓީއޯ އިންނެވެ. އަދި މޫދުގައި ގާއިމްކޮށްފައިވާ މޫދު ކުޅިވަރު ވަސީލަތްތައް ގާއިމްކޮށްދިނީ ވެސް އެސްޓީއޯ އިންނެވެ.

އެ ކަންކަން ކުންފުނިތަކުން ރަސްފަންނު ސަރަހައްދުގައި ގާއިމްކޮށްދީފައި ވަނީ އެ ކުންފުނިތަކުގެ ސީއެސްއާރުގެ ދަށުންކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެ އެވެ.

އެ ވަސީލަތްތައް ބޭނުންކުރުން ރަސްމީކޮށް ފައްޓަވައިދެއްވުމަށް މިއަދު ރަސްފަންނު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ، އާންމުންގެ ފަސޭހައަށް އަދި މާލޭގައި ދިރިއުޅޭ ރާއްޖޭގެ ހުރިހާ ހިސާބެއްގެ ރައްޔިތުންގެ ހިތްހަމަޖެހުމަށް ހަދާފައިވާ ރަސްފަންނު ސަރަހައްދުގައި އެ ވަސީލަތްތައް ގާއިމްކޮށްދެއްވިކަމަށްޓަކައި އެ ކުންފުނިތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

ރަސްފަންނުގައި ގާއިމްކޮށްފައިވާ އުނދޯލިގެ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިސްޓަރު ވިދާޅުވީ ރަސްފަންނުގައި ގާއިމްކޮށްފައިވާ ހުރިހާ ވަސީލަތްތަކެއްގެ ބޭނުން ވެސް ރައްޔިތުން ފުރިހަމަ ގޮތުގައި ހިފަމުން އަންނަ ކަމަށެވެ.

ރަސްފަންނުގައި އެމްޓީސީސީން ގާއިމްކުރި ބާބަކިއު ފިހާރަ ހިންގާނީ އެ ކުންފުނިން ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެ އެވެ.