08 Feb 2017, 19:17
ރަސްފަންނު ހެދިފަހުން އެތަނުގެ މަރާމާތަށް މިހާތަނަށް ކޮށްފައި ހުރި އެއްވެސް މަސައްކަތަކީ ހަރަދެއް ނުކޮށް ކޮށްފައި ހުރި މަސައްކަތެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރަސްފަންނުގައި ބާބަކިއު ފިހާރައަކާއި މޫދު ކުޅިވަރަށް ހާއްސަ ވަސީލަތްތަކެއް ގާއިމްކުރުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ، ރަސްފަންނަށް ބޭކާރު ހަރަދުތަކެއް ކުރާކަމަށް ބުނެ އެކި ފަރާތްތަކުން ދައްކާ ވާހަކަ ތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
"އަޅުގަނޑުމެންނާ ދިމާއަށް ވަރަށް ގިނައިން ބުނާ ވާހަކައެއް އަޅުގަނޑުމެން މިތަން ހަދާފަ ވަރަށް ގިނަ ހަރަދުތައް ބޭކާރު ގޮތުގަ ކޮށްފިއޭ. އެއީ އެއްވެސް ހަގީގަތެއް އޮތްކަމެއް ނޫން. މިތަނުގަ މޫދާ އަދި ބީޗުގެ ކަންތައްތައް އަޅުގަނޑުމެން މިތަން ހެދިފަހުން ކުރުމުގަ އެއްވެސް ހަރަދެއް އިތުރުކޮށްފައެއް ނޯންނާނެ،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އެފަދަ ވާހަކަ ތަކަކީ ސަރުކާރުގެ އަގު ވައްޓާލުމަށް އެކި ފަރާތްތަކުން ދައްކަމުން އަންނަ ދޮގު ވާހަކަތަކެއް ކަމަށެވެ.
"ހުޅަނގު މޫސުމުގައި ބައެއް ދުވަސްދުވަހު މޫސުމާ އެކީގަ އަންނަ ބަދަލާ އެކީ އަޅުގަނޑުމެން މިތަން މެއިންޓެއިން ކުރުމަށްޓަކައި ކުރި ކަންކަމަކީ އެއްވެސް ހަރަދެއް އަޅުގަނޑުމެން ކޮށްފައިވާ ކަމެއް ނޫން،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ރަސްފަންނަށް އަޅާފައިވާ ވެލިތަކަކީ ހެންވޭރު އާޓިފިޝަލް ބީޗުން ނަގައިގެން އަޅާފައިވާ ވެލިތަކެއް ކަމަށް ބުނެ އެކި ފަރާތްތަކުން ދައްކަމުން އަންނަ ވާހަކައަކީ ވެސް އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
ރަސްފަންނަށް އެކި ދުވަސްތަކުގެ ތެރެއިން ގެންނަ ބަދަލުތަކަކީ ކޮން ގޮތަކަށް ހަރަދުކޮށްގެން ނުވަތަ ކޮން ގޮތަކަށް ސަރުކާރަށް ލިބިފައިވާ ވަސީލަތްތަކަކުން ކުރާ މަރާމާތެއް ކަމެއް މިނިސްޓަރު ވިދާޅެއްނުވެ އެވެ. ނަމަވެސް ވިދާޅުވީ ރަސްފަންނު ހުޅުވި ދުވަހުން ފެށިގެން މިއަދާ ހަމައަށް އެތަނުގެ މަރާމާތަކަށް ހަރަދެއްކޮށްފައި ނުވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ބަޔަކު މީހުން ހަދަހަދައިގެން ހަގީގަތް އޮޅުވާލައިގެން ވާހަކަ ދައްކަނީ ރައީސް ޔާމީން ރާއްޖެ ތަރައްގީކުރައްވަން ކުރައްވާ މަސައްކަތްތައް ރައްޔިތުންނަށް އޮޅުވާލައި އެ މަސައްކަތްތައް ފޮރުވުމަށް ކަމަށެވެ. ނަމަވެސް އެގޮތަށް ދައްކާ ވާހަކަތައް މިހާރު ރައްޔިތުން ބަލައިނުގަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިއަދު ރަސްފަންނުގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ، އެ ސަރަހައްދަށް އެއް އަހަރު ފުރުމާ ގުޅިގެން އެސްޓީއޯގެ ފަރާތުން ގާއިމްކޮށްފައިވާ އުނދޯލިގެއެއް ހުޅުވައިފައެވެ. އޭގެ އިތުރުން އެ ކުންފުނިން ވަނީ ރަސްފަންނު މޫދުގައި މޫދު ކުޅިވަރަށް ހާއްސަ ވަސީލަތްތަކެއް ގާއިމްކޮށްފައެވެ.
ރަސްފަންނުގެ ބާބަކިއު ހަދާ ސަރަހައްދަށް އިތުރު ފުރިހަމަކަމެއް ގެނައުމަށް އެމްޓީސީސީން ވަނީ އެތަނުގައި ބާބަކިއު ސާމާނުތައް ވިއްކުމަށް ފިހާރައެއް ހަދާފައެވެ. އެ ދެ މަސައްކަތް ދެ ކުންފުނިން ކޮށްފައިވަނީ އެ ކުންފުނިތަކުގެ ސީއެސްއާރުގެ ދަށުންނެވެ.