08 Feb 2017, 22:46
ބޭރު މީހުންނަށް، ނުވަތަ ބޭރު މީހަކު ހިއްސާ ކުންފުންޏަކުން ރާއްޖޭގައި ޓޫރިސްޓް އުޅަނދުތައް ހިންގުމަށް ހުއްދަ ދިނުމުގައި އަމަލުކުރަމުން އައި ގަވައިދަށް އިސްލާހު ގެނެސް، އެ ހުއްދަ ލިބޭ ގޮތަށް ލުޔެއް ދީފި އެވެ.
ދިވެހިރާއްޖޭގައި ޓުއަރިސްޓު އުޅަނދު ހިންގުމުގެ ގަވައިދުގެ ހަތަރު ވަނަ މާއްދާގައި މީގެ ކުރިން ބުނެފައި ވަނީ ބޭރު މީހަކަށް، ނުވަތަ ބޭރު މީހަކު ހިއްސާވާ ކުންފުންޏަކަށް ނުވަތަ ޕާޓްނާޝިޕަކަށް ރާއްޖޭގައި ޓުއަރިސްޓު އުޅަނދުތައް ހިންގޭނީ ހުއްދައަށް އެދޭ އުޅަނދުގައި މަދުވެގެން 20 ކޮޓަރި އަދި 40 އެނދު ހުންނަ ނަމަ އެވެ.
މިއަދު ޓުއަރިޒަމް މިނިސްޓްރީން އެ ގަވައިދަށް ގެނައި އިސްލާހުގައި ވަނީ، ހަތަރު ވަނަ މާއްދާގައި މިހާރު އޮތް ބަޔަކީ ގަވައިދުގެ (ހ) ކަމަށް ހަދައި، (ހ) ފަހަތަށް (ށ)ގެ ގޮތުގައި އިތުރު މާއްދާއެއް އިތުރުކޮށްފަ އެވެ.
އިތުރުކުރި މާއްދާގައި ބުނީ، ހަތަރު ވަނަ މާއްދާގެ (ހ)ގައި އެގޮތަށް ބަޔާން ކޮށްފައި ހުރި ނަމަވެސް، އެ ގަވައިދަށް އަމަލުކުރަން ފެށި ތާރީޚާ ހަމައަށް ޓުއަރިޒަމް މިނިސްޓްރީގެ ހުއްދަ ލިބިގެން ހިންގަމުން އައި ޓުއަރިސްޓު އުޅަނދުތަކުގެ ތެރެއިން މަދުވެގެން 10 ކޮޓަރި އަދި 30 އެނދު ހުރި އުޅަނދުތައް، ބޭރު މީހުންނަށް ނުވަތަ ބޭރު މީހުންގެ ހިއްސާ އޮންނަ ގޮތަށް ހިންގޭނެ ކަމަށެވެ.
އެހެން ނަމަވެސް އެ ހުއްދަ ދެވޭނީ، ޓުއަރިސްޓު އުޅަނދު ހިންގުމުގެ ގަވައިދުގައި ބަޔާންކުރާ ކަންކަން ފުރިހަމަވާ ނަމަ ކަމަށް އިސްލާހުގައިވެ އެވެ.
ގަވައިދު މިގޮތަށް އިސްލާހު ކުރުމާ އެކު، މަދުވެގެން 10 ކޮޓަރި އަދި 30 އެނދު ހުންނަ، އަދި މިހާރު ހިންގަމުން އަންނަ ސަފާރީ އުޅަނދުތައް، ބޭރު މީހުންގެ ހިއްސާއާ އެއްގޮތަށް ހިންގިދާނެ އެވެ.