ސަރުކާރުން ބާއްވާ ޖަލްސާއަކަށް، ސަރުކާރުގެ މުވައްޒަފުން ދިޔުމަށް އެންގުމަކީ މައްސަލައެއް ނޫން ކަމަށް ނިންމައި، މިދިޔަ ނޮވެމްބަރު މަހު "ހަބޭސް"ގެ ނަމުގައި ސަރުކާރުން ބޭއްވި ޖަލްސާއަށް ސަރުކާރުން ހަރަދުކޮށް، މުވައްޒަފުން ބައިވެރިވާން އެންގުމުގައި ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށް އޭސީސީން ނިންމައިފިއެވެ.

އެ މައްސަލަ ނިންމައި އޭސީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެޖަލްސާ ބޭއްވުމުގެ ކުރިން ސަރުކާރުގެ ފަރާތުން، ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޖަލްސާއަކީ ސަރުކާރުން އިންތިޒާމުކުރާ ޖަލްސާއެއްކަން އިއުލާން ކުރެއްވި ކަމަށާއި އެހެންކަމުން އެ ޖަލްސާއަކީ ސަރުކާރުން ބޭއްވި ޖަލްސާއެއްކަމަށްވާއިރު، ސަރުކާރުން އެކަމަށް ހަރަދު ކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ.

އޭސީސީއަށް އެމައްސަލަ ހުށަހެޅީ ޖަލްސާއަށް ހާޒިރުވުމަށް ސިވިލް ސާވިސްގެ މުވައްޒަފުންނަށާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރި ކަމަށް ބުނެ އެވެ.

ސަރުކާރުން ބޭއްވި އެ ޖަލްސާގައި 12،000 އަށްވުރެ ގިނަ މީހުން ބައިވެރިވި ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. މިދިޔަ ނޮވެމްބަރު މަހު، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ ސިވިލް ސާވަންޓުންނަކީ ރައީސް ޔާމީންގެ އެޖެންޑާ ތަންފީޒު ކުރުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރާ މީހުން ކަމަށާއި ސަރުކާރަށް ލިބޭ ކާމިޔާބީގެ އުފާފާޅު ކުރުމުގައި ސިވިލް ސާވަންޓުން ބައިވެރިވާނެ ކަމަށެވެ.

އަދި ސަރުކާރުގެ ކާމިޔާބީ ފާހަގަ ކުރުމަށް ބާއްވާ ޖަލްސާއަށް ދިއުމަށް ސިވިލް ސާވަންޓުންނާއި ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކުރުވަމުން ގެންދާ ކަމަށް ބުނަމުންދާތީ، އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން މިނިސްޓަރު ޒަމީރު ވިދާޅުވީ އެ މުވައްޒަފުގެ މަސައްކަތުގެ ކާމިޔާބީ ފާހަގަ ކުރާ ޖަލްސާއަށް ސަރުކާރުގެ މުވައްޒަފުން ދާނެ ކަމަށެވެ.

"މިސާލަކަށް އެސްޓީއޯ، ނުވަތަ އެއާޕޯޓްސް ކޮމްޕެނީ މި ތަންތަނުން މުވައްޒަފުން ބައިވެރިވާނެ. އެ މީހުންގެ ކާމިޔާބީ އެ ތާނގަ ހާމަ ކުރެވެމުންދާއިރު ދޭންޖެހޭ ރިސޯސެސް އެ މީހުން ދީ ހަދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.