27 Jun 2011, 10:07
ޓޯކިޔޯ: ސިޔާސަތާ އަދި ވިޔަފާރީގެ ދާއިރާތަކުގައި ޖަޕާނުގެ އަންހެނުން އުޅެނީ ވަރަށް ފަހަތުގައިކަން އެޤައުމުގެ ސަރުކާރުން ނެރުނު ރިޕޯޓަކުން ހާމަވެއްޖެއެވެ.
ޖަޕާން ސަރުކާރުން ނެރުނު ރިޕޯޓެއް ބުނާ ގޮތުން 2005 ވަނަ އަހަރު އެ ޤައުމުގެ ޕާލަމެންޓް (ބަރުލަމާން)ގައި އަންހެނުންގެ ނިސްބަތަކީ އެންމެ ނުވަ ޕަސެންޓަށްވާ އިރު އޭގެ ހަ އަހަރު ފަހުން 2011 ގައި، އެ ނިސްބަތް ވަނީ 10.9 ޕަސެންޓަށް މައްޗަށް ޖެހިލާފަ އެވެ.
ނަމަވެސް ތަރައްޤީ ވެފައިވާ ގިނަ ޤައުމުތަކުގެ ޕާލަމެންޓްތަކުގައި އަންހެނުން ތަމްޘީލްކުރާ މިންވަރު އުޅެނީ 30 ޕަސެންޓާއި 45 ޕަސެންޓާ މެދުގަ އެވެ. މިސާލަކަށް ސްވިޑްންގެ ޕާލަމެންޓްގައި އަންހެނުންގެ ނިސްބަތަކީ 45 ޕަސެންޓްގަ އެވެ.
ތަރައްޤީ ވަމުން އަންނަ ޤައުމެއް ކަމަށްވާ ދެކުނު އެފްރިކާގެ ޕާލަމެންޓްގެ 44.5 ޕަސެންޓަކީ އަންހެނުން ކަމަށްވާ އިރު ދުނިޔޭގެ އެންމެ ފަގީރު އަދި އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ އެއްޤައުމު ކަމަށްވާ އެފްރިކާގެ ރުވަންޑާގެ ޕާލަމެންޓްގައި 56.9 ޕަސެންޓް ހިއްސާކުރަނީ އަންހެން މެންބަރުންނެވެ.
އަށާރަ ވަޒީރުންގެ މައްޗަށް އެކުލެވޭ ޖަޕާނުގެ މިހާރުގެ ބޮޑުވަޒީރު ނާވްތޫ ކާންގެ ސަރުކާރުގައި ހިމެނެނީ އެންމެ އަންހެން ބޭފުޅެކެވެ. ސިޔާސީ މަޤާމްތަކުގައި އަންހެނުން ތަމްޘީލްކުރާ 186 ޤައުމުގެ ލިސްޓްގައި ޖަޕާން ހިމެނެނެނީ 121 ވަނައިގަ އެވެ. ސިޔާސީ މަޤާމްތަކުގައި އަންހެނުން އެއްގޮތަކަށް ވެސް ތަމްޘީލް ނުކުރާ 6 ޤައުމު ވާކަމަށް ކަމާ ބެހޭ ރިޕޯޓްތައް ބުނެ އެވެ.
ސިޔާސީ ދާއިރާގެ އިތުރުން ވިޔަފާރީގެ ދާއިރާގައި ވެސް ޖަޕާން އަންހެނުން އުޅެނީ ވަރަށް ފަހަތުގަ އެވެ.
ޖަޕާން ސަރުކާރުން ނެރުނު ރިޕޯޓް ބުނާގޮތުން ޖަޕާނުގައި ޙިއްސާ ވިއްކާ 3600 ކުންފުނީގެ ގަވަނިން ބޮޑީތަކުގައި 24 ހާސް މީހުން ތިބިއިރު މީގެތެރޭގައި ޖަޕާން އަންހެނުންގެ ނިސްބަތަކީ އެންމެ 1.2 ޕަސެންޓެވެ.
ޖަޕާނުގެ މީޑިޔާގެ ދާއިރާ އަށް ބަލާއިރު ވެސް އެ ޤައުމުގެ އަންހެނުން އުޅެނީ ވަރަށް ފަހަތުގަ އެވެ. ޖަޕާނުގެ ނޫސް ރިޕޯޓަރުންގެ ތެރޭގައި ހިމެނޭ އެތައް ހާސް ބައެއްގެ ތެރޭގައި އަންހެނުންގެ ނިސްބަތަކީ އެންމެ 15.6 ޕަސެންޓެވެ.
ޖަޕާނުގެ އެންމެ ބޮޑު މީޑިޔާ ކުންފުނި ކަމަށްވާ ރޭޑިޔޯ އެންޑް ޓީވީ ކޯޕަރޭޝަން (އެންއެޗްކޭ)ގެ މުވައްޒަފުންގެ ތެރޭގައި ވެސް އަންހެނުންގެ ނިސްބަތަކީ 13.6 ޕަސެންޓް ކަމަށް ޖަޕާން ސަރުކާރުގެ ރިޕޯޓް ބުނެ އެވެ. (ޖަރުމަނު ނޫސްއެޖެންސީ)