08 Feb 2017, 18:17
ވޮޝިންޓަން(8 ފެބްރުއަރީ): ފަތުރުވެރިންގެ ގޮތުގައި އެމެރިކާއަށް ދަތުރުކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވަމުންދާކަން ކަމާބެހޭ އައު ސާވޭއަކުން ހާމަވެއްޖެއެވެ.
އެމެރިކާގެ މަޝްހޫރު ޓްރަވެލް އެޖެންސީއެއްކަމަށްވާ "ފޯވާޑްކީސް" އިން ކުރި ސާވޭއަކުން ހާމަވާގޮތުގައި އެމެރިކާއަށް ދަތުރުކުރާ ފަތުރުވެރިން މަދުވަމުންދާއިރު އެމެރިކާގެ އެކިތަންތަނަށް ޒިޔާރަތް ކުރުމަށް ހަދާފައިވާ އެތަށްހާސް ބުކިންތައްވެސް ގިނަ ބަޔަކު ދަނީ ކެންސަލް ކުރަމުންނެވެ.
"ފޯވާޑްކީސް"ގެ އިސްވެރިއަކު ވިދާޅުވިގޮތުގައި މިސާވޭ ހެދުމަށްޓަކައި އެކުންފުނިން ވަނީ ގްލޯބަލް ބުކިން ސިސްޓަމް ފާއިތުވި ދެހަފްތާ ތެރޭގައި ކޮންމެ ދުވަހަކު ދިރާސާކޮށް އެނަލިސިސްތައް ހަދައިފައެވެ. މިއެނަލިސިސް ނުވަތަ ތަހްލީލު ތަކަށްބަލާއިރު މުސްލިމުންނާއި މުސްލިމުން ނޫން އެތަށް ހާސްބަޔަކުވެސް ކޮންމެ ދުވަހަކު ގެންދަނީ އެމެރިކާއަށް ދިޔުމަށް އެމީހުން ހަދާފައިވާ ބުކިންތައް ކެންސަލް ކުރަމުންނެވެ.
މީގެއިތުރުން މިދިޔައަހަރު ގެ މިދުވަސްވަރު އެމެރިކާއަށް ޒިޔާރަތްކުރި މީހުންނާއި މިއަހަރު މިދުވަސްވަރު އެމެރިކާއަށް ޒިޔާރަތް ކުރުމަށް ބުކިންހެދި މީހުންގެ ހާލަތަށް ބަލާއިރު މިއަހަރުގެ ޖަނަވަރީ މަހު އެމެރިކާއަށް ޒިޔާރަތް ކުރި މީހުންގެ ނިސްބަތް މިދިޔަ އަހަރުގެ ޖަނަވަރީ މަހާ އަޅައިބަލާއިރު 3.4 އިންސައްތަ މަދުކަން ފާހަގަކުރެވިފައިވާކަމަށްވެސް "ފޯވާޑްކީސް" ބުނެއެވެ.
އެމެރިކާގެ ރައީސް ކަމާ ޑޮނަލްޑް ޓްރަމްޕް ހަވާލުވެވަޑައިގަތުމަށްފަހު މިދިޔަ ޖަނަވަރީ މަހުގެ ފަހުކޮޅުވަނީ އިސްލާމީ 7 ގައުމެއްގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާކުރުމުގެ ރިޔާސީ އަމުރެއް ނެރުއްވާފައެވެ. މިއަމުރު ޖަނަވަރީ 28 ގައި ތަންފީޒުކުރަން ފަށާފައިވީނަމަވެސް ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގައި އެމެރިކާގެ ކޯޓަކުންވަނީ ޓްރަމްޕްގެ މިއަމުރު ބާތިލްކޮށްފައެވެ. މިކަން އަލުން އިސްތިއުނާފް ކުރުމަށް ޓްރަމްޕް ކުރެއްވި މަސައްކަތް ބަލައި ނުގަތުމަށްވެސް އެމެރިކާގެ ފެޑްރަލް ކޯޓުންވަނީ ނިންމާފައެވެ.
"ފޯވާޑްކީސް" ގެ ސާވޭގެ ރިޕޯޓް ބުނާގޮތުން އެމެރިކާއަށް ދަތުރުކުރާ މީހުންގެ އަދަދު މަދުވަމުންދަނީ ޓްރަމްޕްގެ ހަރުކަށި އަމުރުތަކާ ގުޅިގެން އެކަނި ކަމަށް ބެލެވެންނެތް ކަމަށާއި ޓްރަމްޕްގެ ރިޔާސީ އަމުރުގެ ކުރިންވެސް އެމެރިކާއަށް ދިޔުމަށް ހަދާފައިވާ ބުކިންތައް އެތަށް ހާސް ބަޔަކު ކެންސަލް ކުރަން ފަށާފައިވާ ކަމުގައެވެ. އަދި ކޯޓުން ޓްރަމްޕްގެ އަމުރު ބާތިލް ކުރުމަށްފަހުވެސް އެތަށް ހާސް ބަޔަކު ބުކިންތައް ކެންސަލް ކުރަމުންގެންދާކަމާއި އެމެރިކާއަށް ދަތުރުކުރާ މީހުންގެ އަދަދު މިހާރުގެ ރޭޓުން މަދުވަމުންދާނަމަ އެމެރިކާއަށް އަހަރެއްގެ މައްޗަށް އެތަށް ބިލިޔަން ޑޮލަރެއްގެ ގެއްލުމަކާ ކުރިމަތިލާންޖެހޭނެކަން އެރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
އެމެރިކާއަށް މީހުން ދިޔުމަށް ފަސްޖެހޭ ސަބަބުތަކުގެ ތެރޭގައި އެމެރިކާގެ އެއަރޕޯޓްތަކުގައި މީހުން ބަލައި ފާސްކުރުމަށް ގެންގުޅޭ ޒަމާނާ ނުގުޅޭ ހަރުކަށި ގޮތްތަކާއި ނުބައި މުއާމަލާތްތައް ހިމެނުން އެކަށީގެންވާކަމަށް އެމެރިކާގެ ބައެއް ޓްރަވެލްއެޖެންޓުން ދެކެއެވެ. މީގެތެރޭގައި އިންސާނުންގެ ގަދަރާއި ކަރާމާތަށް ގެއްލުންވާފަދަ ގޮތްގޮތަށް އެމެރިކާގެ އެއަރޕޯޓްތަކުގައި މީހުންނާމެދު ތަކުރާރުކޮށް މުއާމަލާތް ކުރުން ހިމެނެއެވެ.
އެމެރިކާއަކީ ފަތުރުވެރިންގެ ގޮތުގައި ދުނިޔޭގެ ގިނަ ބަޔަކު އެންމެ ބޮޑަށްދާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ނަމަވެސް ޓްރަމްޕް އެމެރިކާގެ ވެރިކަމަށް އިސްވެ ވަޑައިގަތުމާއެކު އެމެރިކާގެ އެތެރޭގައި ހިނގަމުންދާ ސިޔާސީ ނުތަނަވަސްކަން ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އަދި އެމެރިކާގެ މިހާރުގެ ސަރުކާރާއި އެމެރިކާގެ ބައިވެރިން ކަމަށްވާ ޔޫރަޕްގެ ގައުމުތަކާ ދެމެދުގައިވާ ނުތަނަވަސްކަންވެސް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.
މީގެއިތުރުން ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދު ކަމަށްވާ ޗައިނާއާ ޖައްސާލުމުގެ ސިޔާސަތެއް ޓްރަމްޕް ގެންގުޅެން ފަށާފައިވުމުގެ ސަބަބުން އެެމެރިކާގެ ވިޔަފާރި ދަށަށް ދާނެ ކަމުގެ އިންޒާރު ބައެއް ކުންފުނިތަކުންވަނީ ދީފައެވެ. (ރޮއިޓާސް)