08 Feb 2017, 14:58
އައްޑޫ ސިޓީން 750 މީހުން ސަރުކާރު ހިންގާ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީީޕީއެމް)އާ ގުޅިއްޖެ އެވެ.
ސްޓެލްކޯގައި "އައްޑޫ ޔަގީން"ގެ ނަމުގައި މިއަދު ބޭއްވި ޖަލްސާއެއްގައި، ޕީޕީއެމްއާ ގުޅުނު މެމްބަރުންގެ ފޯމުތަކާއި ޕީޕީއެމްގެ ފަރާތުން ހަވާލުވެ ވަޑައިގަތީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ މުސްތަޝާރު، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ އެ ޕާޓީއާ އައްޑޫ ސިޓީން ގިނަ ފޯމުތަކެއް ހަވާލު ކޮށްފައިވާ އިރު، ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އިތުރު ބަޔަކު އައްޑޫ އިން ޕީޕީއެމްއާ ގުޅިވަޑައިގަންނަވާނެ ކަމަށެވެ.
އައްޑޫ ސިޓީއަކީ ޕީޕީއެމް އާއި އަދި ސަރުކާރާ އަބަދު ވެސް ވަރަށް ގާތް ތަނެއް ކަމަށާއި އައްޑޫ އިން ގިނަ ޒުވާނުންތަކެއް އަލަށް ޕީޕީއެމްއާ ގުޅުމަކީ، ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އެ ރަސްމިއްޔާތުގައި ބައެއް މިނިސްޓަރުންނާއި މަޖިލީސް މެމްބަރުން އަދި ސަރުކާރަށް ތާއީދު ކުރާ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.