08 Feb 2017, 14:42
ކައުންސިލަރު ކަމަށް ވާދަކުރެވޭ މީހުންގެ ޝަރުތުތަކަށް ބަދަލު ގެންނަން ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކުރަން ވޯޓު ނުދިނީ އިންތިހާބު ލަސްކުރުމަށް ސަބަބަކަށް ދައްކައި އިންތިހާބު ފަސްކޮށްފާނެތީ ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން ބުނެފި އެވެ.
ކައުންސިލް ކަމަށް ވާދަކުރެވޭ މީހުންގެ ޝަރުތުތަކަށް ބަދަލު ގެނެސް މިއަދު މަޖިލީހުގައި ނެގި ވޯޓުގައި 19 މެމްބަރަކު ވަނީ ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދީފަ އެެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންތިހާބަށް ތާރީހެއް ކަނޑައަޅުމުން އެމްޑީޕީން ޕްރައިމެރީ ބާއްވައި ކެންޑިޑޭޓުން ނަގާފައި ވަނިކޮށް ކުއްލިއަކަށް ޝަރުތުތަކަށް ބަދަލު ގެނެވޭނެ ކަމަށް ގާބޫލު ނުކުރާ ކަމަށެވެ.
"އެމް.ޑީ.ޕީން މާކުރިން ޕްރައިމަރީ ބާއްވައި ކެންޑިޑޭޓުން ހޮވާފައިވަނިކޮށް، އަނެއްކާ އެހެން ގޮތަކަށް ކެންޑިޑޭޓުންގެ ޝަރުތު ބަދަލުކުރުމަކީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ޤަބޫލުކުރާ އުސޫލެއް ނޫން،" ބަޔާނުގައިވެ އެވެ.
ޝަރުތުތައް ބަދަލުކޮށްގެން މަންފާއެއް ލިބޭނަމަ އިންތިހާބަށް ތައްޔާރުވި ޕާޓީއަކަށް ނުލިބި އިންތިހާބަށް ތައްޔާރު ނުވާ ޕާޓީއަކަށް ލިބުމަކީ އެއްވެސް ހަމައެއް އޮތް ކަމެއް ނޫން ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.
"އަދި މި ގެނައި ބަދަލު އަނެއްކާ ވެސް ލޯކަލް ކައުސިލުތަކުގެ އިންތިޚާބު ލަސްކުރުމަށް ހުއްޖަތެއްގެ ގޮތުގައި ބޭނުންކޮށް އިތުރަށް އެ އިންތިޚާބު ލަސްކުރުމަކީ ގާތްކަމެ" ބަޔާނުގައިވެ އެވެ.
މިއަދު ފާސްކުރި ބިލަކީ ޑިމޮކްރަސީގެ ހަމަތަކާ ހިލާފަށް ފާސްކުރި ބިލެއް ކަމަށްވެސް އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ ބުނެފަ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުގެ ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނެސް ހައްދު ކަނޑައެޅޭ ބައެއް ކުށްތައް ކުރިޔަސް ކައުންސިލް އިންތިހާބުގައި ވާދަކުރެވޭ ގޮތަަށް މިއަދު ބިލް ފާސްކޮށްފައިވަނީ 46 މެމްބަރުންގެ ވޯޓާ އެކު އެވެ.