08 Feb 2017, 15:04
ވޮޝިންޓަން (ފެބްރުއަރީ 8): ހަތް ގައުމެއްގެ ރައްޔިތުން އެމެރިކާއަށް ދިޔުން މަނާ ކުރުމަށް ކުރި އަމުރު ކޯޓުން ހުއްޓުވުމާ ގުޅިގެން، އެ އަމުރު ހިންގޭނެ ގޮތް އަނެއްކާ ވެސް ހެދުމަށް ޓަކައި އެމައްސަލަ ސުޕްރީމް ކޯޓަށް ގެންދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ސީރިއާ، އިރާން، އިރާގު، ލީބިއާ، ސޫދާން، ސޯމާލިއާ އަދި ޔަމަނުގެ ރައްޔިތުން އެމެރިކާއަށް ދިޔުން މަނާކުރުމަށް ރައީސް ޓްރަމްޕް އަމުރު ކުރެއްވީ މިދިޔަ މަހުގެ 27ގަ އެވެ. ނަމަވެސް ވޮޝިންޓަންގެ ކޯޓަކުން ވަނީ އެއަމުރު ހުއްޓުވައި، ޖަސްޓިސް މިނިސްޓްރީން އެއަމުރު އިސްތިއުނާފު ކުރުމުން މައްސަލަ ބަލައިގަންނަން ދެކޮޅު ހަދާފަ އެވެ.
އަދި އެއަމުރާ ދެކޮޅަށް އެމެރިކާ އާއި ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ނުރުހުންފާޅު ކުރަމުން ދިޔަ ނަމަވެސް ޓްރަމްޕް ވަނީ އެމެރިކާގެ ރައްކަލަށް ޓަކައި އެ ހަތް ގައުމުގެ ރައްޔިތުން އެމެރިކާ އަށް ދިޔުން މަނާ ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
"އެއީ ބޮޑު މައްސަލައެއް އަދި ކޯޓުގައި އަޅުގަނޑުމެން ތަމްސީލު ކުރަން ރަނގަޅު ފަރާތްތައް އެބަތިބި. އެ މައްސަލަ ސުޕްރީމް ކޯޓަށް ގެންދިޔުމަކީ އެކަށީގެންވާ ކަމެއް. އަޅުގަނޑު އުއްމީދު ކުރަން އެގޮތަށް ނުވާނެ ކަމަށް،" ވައިޓްހައުސްގައި ރިޕޯޓަރުންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް ސަރުކާރުން ވަނީ އަނެއްކާ ވެސް މައްސަލަ އިސްތިއުނާފުކޮށްފަ އެވެ. އަދި އެ މައްސަލައިގެ އަޑު އެހުމުގައި ކޯޓުން ވަނީ އެހަތް ގައުމުން މީހުން މަނާ ކުރުމަކީ މުސްލިމުންނާ ދެކޮޅު ނިންމުމެއްތޯ ސުވާލު އުފައްދާފަ އެވެ. އެނިންމުމަކީ މުސްލިމުންނާ ދެކޮޅު ނިންމުމެއް ކަމަށް ކޯޓުން ނިންމައިފި ނަމަ ޓްރަމްޕުގެ އަމުރަކީ ގާނޫނު އަސާސީއާ ހިލާފު އަމުރަކަށް ވާނެ އެވެ. (އިންޑިޕެންޑެންޓް)