ދައުލަތުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ކުންފުނިތަކާއި ދައުލަތުގެ އަޣުލަބިއްޔަތު ހިއްސާ އޮންނަ ކުންފުނިތަކުން އެކުންފުންޏެއްގެ މާލީ އަހަރު ނިމޭތާ ތިން މަސްދުވަސްތެރޭގައި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް މާލީ ބަޔާން ހުށަހަޅަން އެ އޮފީހުން އަންގައިފި އެވެ.

އެ އޮފީހުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އޮޑިޓް ގާނޫނުގެ ދަށުން އޮޑިޓާ ޖެނެރަލް އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ދައުލަތުގެ ވިޔަފާރި ކުންފުނިތަކުގެ އެކްސްޓާނަލް އޮޑިޓްކުރުމާއި، ވިޔަފާރި ކުންފުނިތަކަށް އެކްސްޓާނަލް އޮޑިޓަރުން އައްޔަނުކުރުމަކީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރާކަމެއްގެ ގޮތުގައި ހަމަޖެހިފައިވާ ކަމަށެވެ.

"އެހެންކަމުން، ދައުލަތުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ކުންފުނިތަކާއި ދައުލަތުގެ އަޢުލަބިއްޔަތު ހިއްސާ/ކޮންޓްރޯލް އޮންނަ ކުންފުނިތަކުގެ އަހަރީ މާލީ ބަޔާންތައް، އެ ކުންފުންޏެއްގެ މާލީ އަހަރު ނިމޭތާ 3 މަސް ދުވަހުގެ ތެރޭގައި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށް ދަންނަވަމެވެ." އެ އިއުލާނުގައި ވެއެވެ.

މީގެ އިތުރުން އެ އޮފީހުން ބުނެފައި ވަނީ، މާލީ ބަޔާން ހުށަހަޅާއިރު، މާލީ ބަޔާންތައް ތައްޔާރުކުރުމުގައި އިންޓަނޭޝަނަލް އެކައުންޓިން ސްޓޭންޑަޑްސް ބޯޑުން ނެރެ ޝާއިޢުކޮށްފައިވާ އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިން ްސްޓޭންޑަޑްސް އަށް ޢަމަލުކުރުމަށް ލަފާ ދޭ ކަމަށެވެ.