08 Feb 2017, 14:33
ބ. ކެންދޫ ފަޅުތެރޭގައި އަޅާފައި އޮތް ދެ ދޯންޏަކާއި ލޯންޗެއްގައި ހުޅުޖެހި ކަމުގެ ތުހުމަތުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފްގެ ބޭބެ އަބްދުއްސަލާމް ޔޫސުފްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ އަޑުއެހުން ސިއްރުކޮށްފި އެވެ.
މީގެކުރިން ބޭއްވި އެ މައްސަލައިގެ ހުރިހާ އަޑުއެހުންތަކަށް ނޫސްވެރިންނަށް ވަދެވުނު ނަމަވެސް މިއަދު 1:00 ގައި ބާއްވަން ތާވަލްކުރި އަޑުއެހުން ވަނީ ސިއްރުކޮށްފަ އެވެ. އެ އަޑުއެހުން ސިއްރުކުރީ ކީއްވެގެން ކަމެއް އަދި ސާފެއް ނުވެއެވެ.
އަބްދުއްސަލާމްގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ 2015 އޭޕްރީލް 23 ވަނަ ދުވަހުގެ ރޭ އޭނާ ކެންދޫ މާހޯރަ ދޯނީގައި ރޯކޮށްލުމުން އަލިފާންގަނޑު ފެތުރެމުން ގޮސް ސަރަކަ ނަމަކަށް ކިޔާ ދޯންޏަކާއި ފެހިވިނަ ނަމަކަށް ކިޔާ ލޯންޗެއްގައި ރޯވެފައިވާ ކަމަށެވެ.
އޭނާގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެ ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ށ)ގެ ދަށުންނެވެ. ކުށް ސާބިތުވެއްޖެނަމަ އެ މާއްދާގެ ދަށުން 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށް ލެވޭނެ އެވެ.
މިދިޔަ ޖެނުއަރީ މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ އޭނާއާ ދެކޮޅަށް 24 ހެއްކެއް ހުށަހަޅާފަ އެވެ. ނަމަވެސް އޭނާގެ ފަރާތުން ދިފާއުގައި އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެ އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްގެން އަބްދުއް ސަލާމް ބަންދާމެދު ގޮތެއް ނިންމަން މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އއ. މާޅޮހު ކޯޓަށް ގެންދިޔުމުން އެ ކޯޓުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ.