08 Feb 2017, 14:18
އައްޑޫ ސިޓީގެ މަގު ހެދުމުގެ މަޝްރޫއު ހިންގާނެ ފަރާތެއް ހޯދަން ބިޑު ކުރުމަށް އަލުން ހުޅުވާލާފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އައްޑޫ ސިޓީ ރޯޑް ޕްރޮޖެކްޓު ޑިޒައިން ބިލްޑް އުޞޫލުން ހިންގާނެ ފަރާތެއް ހޯދުމަށް، ހައުސިން މިނިސްޓްރީގެ ނޭޝަނަލް ކޮންޓްރެކްޓާސް ރަޖިސްޓަރީގައި ރަޖިސްޓާ ވެފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލާ ކަމަށެވެ.
މި ޕްރޮޖެކްޓުގެ ދަށުން އައްޑޫ ސިޓީގެ ފަސް ރަށެއްގެ މަގު ހެދުމަށް ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން، ސ. ހިތަދޫ އާއި ސ. ފޭދޫ ސ. ހުޅުމީދޫ، ސ. މަރަދޫ، ސ. މަރަދޫފޭދޫ ގެ މަގު މި ޕްރޮޖެކްޓުގެ ދަށުން ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި ބީލަމުގައި ބައިވެރިވުމަށް -/1,500 (ފަނަރަސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެ އެވެ. ފައިސާ ބަލައިގަންނާނީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހަކު 08:30 އިން 13:00 އަށް ފިނޭންސް މިނިސްޓްރީގަ އެވެ.
ބީލަން ފޮތުގެ ސޮފްޓް ކޮޕީ އެ މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވޭނެ ކަމަށާއި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/700,000ރ (ހަތްލައްކަ ރުފިޔާ) ހުށަހަޅަން ޖެހޭނެ ކަމަށްވެސް ފިނޭންސުން ބުނެފައިވެއެވެ.
ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. ޕާފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހޭނީ ކޮންޓްރެކްޓް އަގުގެ 55 ޕަސެންޓެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ 15 ޕަސެންޓުގެ ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެ އެވެ.
ބީލަން ހުޅުވުން އޮންނާނީ މިމަހުގެ 28 ވާ އަންގާރަ ދުވަހުގެ 13:00 ގައި ފިނޭންސް މިނިސްޓްރީގެ ޕްރޮކިއުމަންޓް ސެކްޝަންގެ ޖަލްސާ ކުރާ މާލަމުގަ އެވެ.