ބޭންކް އޮފް މޯލްޑިވްސް އިން 280،000 ވަނަ ކާޑު މިއަދު ކަސްޓަމަރާ ހަވާލުކޮށްފި އެވެ.

ބީއެމްއެލްގެ މައި ބްރާންޗުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި 280،000 ވަނަ ކާޑު ލިބުނު ފަރާތްކަމަށްވާ ސިމް ޖާބިރު އާ ކާޑު ހަވާލުކޮށްދެއްވީ ބޭންކުގެ ހެޑް އޮފް ކާޑު ސަވިސަސް ޢަބްދުލް ޢަލީމް ޢަބްދުލް ޣަފޫރު އެވެ. އެއާ އެކު އޭނާގެ ކާޑުގެ ޚިދުމަތް އަޕްގްރޭޑް ކުރުމަށް ފަހު އޭނާ އަށް ވިސާ ޕްލެޓިނަމް ކާޑެއް ވަނީ ދީފަ އެވެ.

ޕްލެޓިނަމް ވިސާ ކާޑަކަށް އަޕްގްރޭޑު ކުރެވޭނީ ވިސާ ކްރެޑިޓް ގޯލްޑް ކާޑެއް މުއްދަތު ހަމަވާ އިރު އެ ކާޑުގެ ކްރެޑިޓް ލިމިޓު 10،000 ޑޮލަރަށް ވުރެ މައްޗަށް އަރާނަމަ އެވެ. އަދި އެ ކާޑަކީ ގިނައިން ބޭނުންކުރާ ކާޑަކަށް ވެސް ވާން ޖެހެ އެވެ. މީގެ އިތުރުން އެ ކާޑުގެ ވެރިފަރާތަކީ ކާޑުގެ ކްރެޑިޓް ބަރާބަރަށް ދައްކަމުން އަންނަ ފަރާތެއްކަމުގައި ވެސް ވާން ޖެހެ އެވެ.

ބީއެމްއެލް އިން ދޫކުރާ ކާޑުތަކުގެ ތެރޭގައި އެމެރިކަން އެކްސްޕްރެސް ޑެބިޓް އަދި ކްރެޑިޓް ކާޑާއި، ވިސާ ޑެބިޓް އަދި ކްރެޑިޓް ކާޑު ހިމެނެ އެވެ. އަދި މީގެ އިތުރުން މާސްޓާ ކާޑުގެ ގިފްޓް ކާޑާއި ޕްރިޕެއިޑް ކާޑު ވެސް ބޭންކުން ދަނީ ދޫކުރަމުންނެވެ. އެ ބޭންކުން ބުނި ގޮތުގައި އެ ބޭންކުގެ ކާޑު ބޭނުންކޮށްގެން ތަފާތު ޒަމާނީ ޚިދުމަތްތައް މިހާރު ދަނީ ފޯރުކޮށްދެމުންނެވެ.

އޭގެ ތެރޭގައި ބޭންކުން ދޫކުރާ ކްރެޑިޓް ކާޑާއި ވިސާ ޑެބިޓް ކާޑު ބޭނުންކޮށްގެން ރާއްޖޭން ބޭރުގައި ވިޔަފާރި މުއާމަލާތް ކުރެވުން ހިމެނެ އެވެ. އެގޮތުން ބީއެމްއެލްގެ ކާޑުތައް ދުނިޔޭގެ 200 އަށް ވުރެ ގިނަ ގައުމެއްގައި ބޭނުން ކުރެވޭ ކަމަށް ވެސް އެބޭންކުން ބުންޏެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު 20 އަތޮޅުގައި 31 ބްރާންޗް، 78 އޭޓީއެމް، 4000 ޕީއޯއެސް މަރޗަންޓުން، 190 ކޭޝް އޭޖެންޓުން، 20 ސެލްފްސަވިސް ބޭންކިންގ ސެންޓާ އަދި ފަސް ދޯނި ބޭންކިން ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އެގޮތުން އެ ބޭންކުން ވަނީ، ދިވެހި މުޖުތަމައުއަށް އެކި ދާއިރާތަކުން އެހީތެރިވުމުގެ ގޮތުން "އަހަރެންގެ ބޭންކް"ގެ ނަމުގައި ކެމްޕެއިނެއް ފަށައިފަ އެވެ. އެ ހަރަކާތުގެ ދަށުން ބޭންކުގެ ހިދުމަތްތަކުގެ ފައިދާ އާންމުންނަށް ބުނެދިނުމުގެ ގޮތުން މި މަހުގެ ކޮންމެ ދުވަހެއްގައި ވެސް ޚާއްސަ ހަރަކާތެއް ހިންގާނެ އެވެ.

އެހަރަކާތުގެ މަގްސަދަކީ ދިވެހިންނާއި ދިވެހި މުޖުތަމައުތަކާ އޮތް ގުޅުން ބަދަހި ކުރުން ކަމަށާއި ޕްރޮގްރާމުގެ ދަށުން ދެމެހެއްޓެނެވި މަޝްރޫއެއް ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ. ބީއެމްއެލް އިން ބުނި ގޮތުގައި އެ ގޮތަށް ހުށަހަޅާ ޕްރޮޕޯސަލްތައް ފޭސްބުކްގައި ޝެއާ ކޮށްގެން އެންމެ ގިނަ ލައިކްސް ލިބެ ރަނގަޅު ޕްރޮޕޯސަލެއް ހޯދައި، އެ ޕްރޮޕޯސަލްގައި ބަޔާންކުރާ މަޝްރޫއެއް ހިންގުމަށް އެހީތެރިވުމުގެ ގޮތުން އެފަރާތަކަށް 200،000 ރުފިޔާ ދޭނެ އެވެ.