މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ތިންވަނަ އެމްބީއޭ ކަޕްގެ ދެވަނަ ޑިވިޝަންގައި ރެޑް ވިންގްސް ބާސްކެޓްބޯލް ކްލަބް އަތުން މޮޅުވެ، ސްޓިންގާސް ބާސްކެޓްބޯލް ކްލަބު ފެށުން ރަނގަޅުކޮށްފި އެވެ.

ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ރޭ ކުޅުނު ދެ ވަނަ ޑިވިޝަންގެ އެ މެޗުގައި ރެޑް ވިންގްސްގެ މައްޗަށް ސްޓިންގާސް ކުރި ހޯދާފައި ވަނީ 75-50 ޕޮއިންޓުންނެވެ.

އެ މެޗުގައި ސްޓިންގާސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވުނު މުހައްމަދު ޒަބީހު ތައުފީގެވެ. އޭނާ ވަނީ ސްޓިންގާސްއަށް 27 ޕޮއިންޓް ހޯދައިދީފަ އެވެ. ރެޑް ވިންގްސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ އެ ޓީމަށް 14 ޕޮއިންޓް ހޯދައިދިން ޔާފިއު އިބްރާހިމް އާދަމްއެވެ.

މުބާރާތުގެ ފުރަތަމަ މެޗަކީ ވެސް ދެވަނަ ޑިވިޝަންގެ މެޗެކެވެ. އިއްޔެ ހަވީރު ކުޅުނު އެ މެޗުގައި ފަސޭހަކަމާއެކު ޔޫއެން ފްރެންޑްސްގެ މައްޗަށް އެލްޓީ ސްޕޯޓްސް ވަނީ ކުރި ހޯދައިފައެވެ. އެލްޓީއިން އެ މެޗު ކާމިޔާބުކުރީ 55-37 ޕޮއިންޓުންނެވެ.

އެ މުބާރާތުގައި ކުރިއަށްދާނީ ފިރިހެން ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަން އަދި އަންހެން ޑިވިޝަނެވެ. އެ މުބާރާތުގެ ދެވަނަ ޑިވިޝަންގައި ހަ ޓީމެއް ވާދަކުރާއިރު، އެ ޑިވިޝަން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އެކެއްގައި ހިމެނެނީ އެލްޓީ އާއި ޔޫއެން ފްރެންޑްސް އަދި އެލްކިޔުއެވެ. ގްރޫޕް ދޭއްގައި ހިމެނެނީ ސްޓިންގާސް އާއި ރެޑް ވިންގްސް އަދި ރައިވެރިޔާއެވެ.

އެ މުބާރާތުގެ ފުރަތަމަ ޑިވިޝަންގައި ހަތަރު ޓީމެއް ވާދަކުރެއެވެ. އެއީ ޓީރެކްސްއާއި، ދަ ބައުސްއާއި، ކިންގްސް ބީސީ އަދި ކުޑަހެންވޭރެވެ. އަންހެން ޑިވިޝަންގައި ވާދަކުރަނީ ރެޑްވިންގްސްއާއި ޒިގްޒެގް އަދި ސައިކްލޯންއެވެ.

މުބާރާތުގެ ދެވަނަ ޑިވިޝަންގެ ސެމީ ފައިނަލަށް ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ އަދި ދެވަނަ ޓީމު ދަތުރުކުރާނެއެވެ. ލީގު އުސޫލުން ކުޅުމަށްފަހު ފުރަތަމަ ޑިވިޝަންގެ ސެމީ ފައިނަލު ކުޅުމަށް ހަމަޖެހިފައިވެއެވެ. އެ ޑިވިޝަންގެ ސެމީގެ ފުރަތަމަ މެޗުގައި ލީގު އެއްވަނަ އާއި ހަތަރުވަނަ ޓީމު ބައްދަލުކުރާއިރު، ސެމީގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ ލީގުގެ ދެ ވަނަ އާއި ތިންވަނަ ޓީމެވެ. އަންހެން ޑިވިޝަންގެ ސެމީ ފައިނަލް ކުޅުމަށް ހަމަޖެހިފައެއް ނުވެއެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރުމަށްފަހު، ފައިނަލަށް ދަތުރުކުރާނީ އެއްވަނަ އަދި ދެވަނަ ޓީމެވެ.

މިއަހަރުގެ ބާސްކެޓްގެ ފުރަތަމަ މުބާރާތް ކަމަށްވާ އެމްބީއޭ ކަޕް ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ އިއްޔެއިން ފެށިގެން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުބާރާތުގެ މެޗުތައް ހަވީރު 16:30 އަދި ރޭގަނޑު 20:30ގައި ކުރިއަށްދާނެއެވެ.