08 Feb 2017, 13:02
ފާއިތުވި 2014 ވަނަ އަހަރުގެ ތެރޭގައި ފޮރިން މިނިސްޓްރީން، މާލިއްޔަތު ގަވާއިދާ ޚިލާފަށް އެއްބަސްވުމެއް ނެތި، 964،468 ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެ އެވެ.
ފޮރިން މިނިސްޓްރީގެ ދެހާސް ސާދަ ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ޒިޔަތު ވަނީ ޖުމްލަ ހަތަރު ކަމެއް ފާހަގަކޮށް އެކަންތައްތައް ރަނގަޅު ކުރުމަށް ލަފާ އަރުވައިފަ އެވެ. އޭގެ ތެރެއިން ދެވަނަ ކަމެއްގެ ގޮތުގައި އޮޑިޓާ ޖެނެރަލް ފާހަގަކުރައްވާފައި ވަނީ، އެ މިނިސްޓްރީން ކުރުވާފައިވާ 25،000 ރުފިޔާ އިން ދަށުގެ މަސައްކަތްތައް ހަވާލުކޮށްފައި ވަނީ އެއްބަސްވުމަކާ ނުލައި ކަމަށެވެ.
"މި ގޮތުން 964،468 ރުފިޔާގެ މަސައްކަތް އެއްބަސްވުމެއް ނެތި ހަވާލުކޮށްފައިވާކަން ފާހަގަކުރެވިފައިވެ އެވެ،" އެ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ގޮތުން، މަސައްކަތެއް ކުރުވުމަށް އެއްވެސް ފަރާތަކާ ހަވާލު ކުރާ ނަމަ ހަވާލު ކުރަންވާނީ ދެފަރާތް އެއްބަސްވުމެއްގައި ދެފަރާތުން ސޮއި ކުރުމަށްފަހުގަ އެވެ.
މިކަން ރަނގަޅު ކުރުމަށް ޒިޔަތު ދެއްވި ލަފާގައި ބުނެފައި ވަނީ މަސައްކަތެއް އެއްވެސް ފަރާތަކާ ހަވާލު ކުރާ ނަމަ އެއްބަސްވުމެއްގެ ދަށުން ނޫނީ ހަވާލު ނުކުރުމަށާއި އެފަދަ ކަންކަމަށް ވާ އެއްބަސްވުންތައް މިނިސްޓްރީގައި ރައްކާކޮށްފައި ބެހެއްޓުމަށެވެ.
މީގެ އިތުރުން އޮޑިޓާ ޖެނެރަލް ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި، އެމިނިސްޓްރީން ޚަރަދުތައް ބަޔާންކުރުމުގައި ކޭޝް އެކައުންޓިންގެ އުސޫލުތަކާ ޚިލާފުވެފައިވުމާއި މާލިއްޔަތު ގަވާއިދާ އެއްގޮތަށް ހަރުމުދަލާއި އޭގެ ރެކޯޑުތައް ބަލަހައްޓާފައި ނުވުން ފާހަގަކޮށްފައިވެ އެވެ. އެގޮތުން 2014 ވަނަ އަހަރު ނިމުނު އިރު ހަރު މުދަލުގެ ގޮތުގައި ހިމަނާފައިވާ 20.2 މިލިއަން ރުފިޔާގެ ސައްޙަކަން ކަށަވަރުވެފައި ނުވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އަދި ލިބެން ޖެހޭ ފައިސާގެ ހިސާބު ކަށަވަރު ނުވާ ކަމަށާއި އެގޮތުން، 2014 ވަނަ އަހަރު ނިމުނު އިރު މާލީ ބަޔާންތަކުގައި ހިމެނޭ މިލްކިއްޔާތުގެ ބަޔާނުގައި ރާއްޖެއިން ބޭރުގައި ހުންނަ ރާއްޖެގެ އެމްބަސީތަކުގެ ސެކިއުރިޓީ ޑިޕޮޒިޓާއި އެޑްވާސްންގެ ގޮތުގައި އަނބުރާ ލިބެން ޖެހޭ 4.1 މިލިއަން ރުފިޔާ އަކީ ސައްޙަ މައުލޫމާތެއް ކަން ކަށަވަރު ނުކުރެވޭ ކަންވެސް އޮޑިޓާ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ.