08 Feb 2017, 12:51
ސްރީލަންކާ އަދި ދިވެހި ސަރުކާރުގެ ޖޮއިންޓް ކޮމިޝަންގެ ތިން ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް، ސްރީލަންކާގެ ފޮރިން މިނިސްޓަރު މަންގަލަ ސަމަރަވީރަ މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
ސްރީލަންކާގެ ފޮރިން މިނިސްޓަރު މަންގަލަ ސަމަރަވީރައަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމްއެވެ.
ލަންކާގެ މިނިސްޓަރު ސަމަރަވީރަ ރާއްޖެ ވަޑައިގަތުމާ އެކު، މިއަދު ވަނީ ޖޮއިންޓް ކޮމިޝަނުގެ ބައްދަލުވުންތައް ފަށައިފަ އެވެ. ދެ ގައުމުގެ އެކި ދާއިރާތަކުގެ އޮފިޝަލުންގެ ބައްދަލުވުންތައް މިއަދު ހިނގަމުންދާ އިރު، ދެގައުމުގެ މިނިސްޓަރުންގެ ބައްދަލުވުން އޮންނާނީ މާދަމަ އެވެ.
ނަވާރަސަތޭކަ އަށްޑިހަ ހަތަރެއްގައި އުފެއްދި ޖޮއިންޓް ކޮމިޝަނުގެ ފުރަތަމަ ބައްދަލުވުން 2006 ވަނަ އަހަރު ބޭއްވި އިރު، ދެވަނަ ބައްދަލުވުން އޮތީ 2014 ވަނަ އަހަރު ސްރީލަންކާގަ އެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ ގޮތުން އެއްބާރުލުންދީ، ފަތުރުވެރިކަމާއި މަސްވެރިކަމާއި ތައުލީމީ އަދި ސިއްހީ ދާއިރަގެ އިތުރުން ޒުވާނުންނާއި ކުޅިވަރު ކުރިއެރުވުމާއި ވަޒީފާގެ ފުރުސަތުތަކާއި ސަގާތީ ގޮތުން އެއްބާރުލުން ދިނުމާ މެދު މަޝްވަރާ ކުރެވޭނެ ކަމަށް ދެ ގައުމުން ބުނެ އެވެ.
ލަންކާގެ ފޮރިން މިނިސްޓަރު މަންގަލަ ސަމަރަވީރަ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާ ވެސް ބައްދަލުކުރައްވާނެ އެވެ.