08 Feb 2017, 13:02
އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ބޫޓާންގެ ތިމްޕޫ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ކްލަބު ވެލެންސިއާއިން ފިޔަވަޅަކަށްފަހު ފިޔަވަޅެއް ދާނީ ކުރިއަށް ކަމަށް ވެލެންސިއާގެ ކޯޗު އަހްމަދު މުޖްތަބާ (ފެސްކޯ) ބުނެފި އެވެ.
ބޫޓާނުގައި ކުޅުނު ފުރަތަމަ ލެގު ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވި އިރު، މާލޭގައި އިއްޔެ ކުޅުނު ދެވަނަ ލެގު މެޗުން ވެލެންސިއާ މޮޅުވީ 3-0 ލަނޑުންނެވެ. އެހެންކަމުން ޕްލޭއޯފް ބުރުން ފުރުސަތު ލިބޭނީ ވެލެންސިއާއަށެވެ. އަދި ޕްލޭއޯޕް ބުރުގައި ވެލެންސިއާ ނުކުންނަން ޖެހޭނީ އިންޑިއާގެ ފެޑެރޭޝަން ކަޕްގެ ޗެމްޕިއަން މޯހަން ބަގާންއާ ދެކޮޅަށެވެ.
“އަޅުގަނޑު އެއްވެސް ކުޅުންތެރިއެއް އަންޑައެސްޓިމޭޓެއް ނުކުރަން. އަޅުގަނޑުމެންނަށް ކުރެވެން އޮތް މަސައްކަތަށްވުރެ އޮތީ ކުޅުންތެރިންގެ ހިތްވަރާއި، ކުޅުންތެރިންގެ ބޭނުންވުމެއް. މެޗުގައި އެކަން ފެނިގެންދިޔަ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ފުރަތަމަ ސިކުންތުން ފެށިގެން އެންމެފަހު ސިކުންތާ ހަމައަށް އެންމެ ކުޅުންތެރިޔަކު ވެސް ދުލެއް ނުދީ، މޮޅުވުމުގެ އަޒުމުގައި 90 މިނެޓް ކުޅެގެން އަޅުގަނޑުމެން މޮޅުވެގެން މިފޭބީ. އެހެންވީމާ އޭގެ މާނައަކީ ކުޅުންތެރިން އެ ހިތްވަރުގައި ތިބިނަމަ، ﷲގެ ރަހުމަތްފުޅާއެކު އަޅުގަނޑުމެން ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިއަށޭދާނީ،" ވެލެންސިއާގެ ކޯޗު ފެސްކޯ ބުންޏެވެ.
އިއްޔެގެ މެޗުގައި ވެލެންސިއާގެ ބިދޭސީ ކުޅުންތެރިޔާ އޮމޮދޫ ގޮޑްފްރޭ ވެސްޓްއަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް، އޭގެ ބޭނުން ހިފިފައެއް ނުވެ އެވެ. އޭނާއަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް، އޭނާގެ ފަރާތުން ބޮޑު އެހީތެރި ކަމެއް ލިބުނު ކަމަށް ވެލެންސިއާގެ ކޯޗު ފެސްކޯ ބުނެއެވެ.
"މިދިޔަ ދެ އަހަރަށް ބަލައިލި ކަމަށްވިޔަސް، ވެސްޓަކީ ދިވެހި ލީގުގައި އެންމެ ރަނގަޅަށް ސްކޯ ކުރަމުން އައި އެއް ސްޓްރައިކަރު. އަޅުގަނޑު މީގެ ދެ އަހަރު ކުރިން ވިކްޓަރީގެ ކޯޗެއްގެ ގޮތުގައި މަސައްކަތްކުރިއިރު، ވެސްޓް ކުޅުނު. އޭރު ވެސް އަޅުގަނޑަށް ފާހަގަކުރެވުނު ވެސްޓަކީ އެ ފުރުސަތުތައް ވަރަށް ރަނގަޅަށް ހޯދާ އަދި ލަނޑު ވެސް ޖަހާ ކުޅުންތެރިއެއް. އެކަމަކު ހޯދޭ ހުރިހާ ފުރުސަތުތަކަކީ ކޮންވާޓް ކޮށްލެވޭނެ ފުރުސަތުތަކެއް ނޫން،"
”...ރިލޭ ޖެހި ގޯލު ވެސް ވެސްޓްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ. ޓީމެއްގެ ލަނޑު ޖަހަން ޖެހޭނީ ވަކި ކުޅުންތެރިއެއް ނޫން. އަޅުގަނޑުމެންގެ ޓީމުގައި ޕްލޭނަކީ ވަކި ކުޅުންތެރިޔަކު ލަނޑު ޖެހުމެއް ނޫން. ކޮންމެ ކުޅުންތެރިޔަކު ވިޔަސް، ލަނޑު ޖަހައިގެން މޮޅުވުން އެއީ އަޅުގަނޑުމެންގެ ޓާގެޓަކީ،" އޭނާ ބުންޏެވެ.
އިއްޔެގެ މެޗުގައި ވެލެންސިއާގެ ތިން ލަނޑު ވެސް ފެނިގެން ދިޔައީ އެ ޓީމުގެ ފުރަތަމަ ބަދަލަށްފަހު އެވެ. އެއީ މުހައްމަދު ތަސްނީމްގެ ބަދަލުގައި އިބްރާހިމް ހަމްދާން ކުޅެން ނުކުތް ހިސާބުންނެވެ. އެކަމާބެހޭގޮތުން ފެސްކޯ ބުނީ، ވެލެންސިއާގެ ކޯޗިން ސްޓާފުން ބަދަލެއް ގެންނާނީ ރަނގަޅަށް ވިސްނާފައި، އެވަގުތަށް އެންމެ ރަނގަޅު ކުޅުންތެރިއެއް ކަމަށާއި އެއީ އެގޮތުން ގެނައި ބަދަލެއް ކަމަށެވެ.
"ވަކި ހިސާބަކަށްދާއިރު އަޅުގަނޑުމެން ކޯޗިން ޓީމުން މަޝްވަރާކޮށްފަ، ނުވަތަ ކޯޗިން ޓީމުން ނިންމާނެ އެ ވަގުތަކަށް ކޮބާތޯ އެންމެ މުހިންމުކަން ދޭންޖެހޭ ކަމަކީ. ނުވަތަ ބަދަލަކީ ކޮބާތޯ. އެގޮތަށް ވިސްނާފަ އަޅުގަނޑުމެން ކުރި ބަދަލެއް. އެކި ދުވަހު އެކިގޮތަށް ދިމާވާނީ. ބައެއް ދުވަސްދުވަހު ބަދަލަކީ ވަރަށް ރަނގަޅު ބަދަލަކަށްވެދާނެ. ބައެއް ދުވަސްދުވަހު ބަދަލަކީ ގޯސް ބަދަލަކަށް ވެދާނެ. ﷲގެ ރަހުމަތް އަޅުގަނޑުމެންގެ ބަދަލުގެ ނަތީޖާ ފެނިގެން މި ދިޔައީ،" އޭނާ ބުންޏެވެ.
ޕްލޭއޯފްގައި މޯހަން ބަގާންއާ ދެކޮޅަށް ވެލެންސިއާ ކުޅޭ ފުރަތަމަ ލެގު މެޗު ކުޅޭނީ މިމަހުގެ 21 ވަނަ ދުވަހު މާލޭގަ އެވެ. ދެ ވަނަ ލެގު ކުޅޭނީ މިމަހުގެ 28 ވަނަ ދުވަހު އިންޑިއާގަ އެވެ.