08 Feb 2017, 12:40
ބެއިޖިން (ފެބްރުއަރީ 8): އާއިލާއެއްގައި ހަތަރެއް ނުވަތަ ފަސް މީހަކު އުޅޭ ނަމަވެސް އެއްމެން އެއްތަން ވުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. ނަމަވެސް ޗައިނާގައި އެއް އާއިލާއަކަށް ނިސްބަތްވާ 500 މީހުން ވަނީ އެއްތަންވެ، ވަރަށް ހާއްސަ ފޮޓޯއެއް ނަގާފަ އެވެ.
ޗައިނާގެ ޖީޖިއަންގް ޕްރޮވިންސުގައި އޮންނަ ޝީޝީ އަވަށަށް ނިސްބަތްވާ ރެން އާއިލާގެ ފޮޓޯ ނަގާފައި ވަނީ ޑްރޯންއެއް ބޭނުންކޮށްގެންނެވެ. އެ ފޮޓޯ ނެގި ޒަންގް ލިއަންގްޒޮންގް ބުނި ގޮތުގައި ރެން އާއިލާއަކީ 851 އަހަރުގެ ތާރީހެއް އޮތް އާއިލާއެކެވެ.
ނަމަވެސް މީގެ 80 ވަރަަކަށް އަހަރު ކުރިން ފެށިގެން އެއާއިލާގެ ދަރިފަސްކޮޅު ޓްރެކްކުރުން ހުއްޓާލާފައި ވުމުން ޝީޝީގައި ދިރިއުޅޭ އެއާއިލާގެ މެމްބަރުން ވަނީ ރެން އާއިލާގެ 'ފެމިލީ ޓްރީ' ފުރިހަމަ ކުރުމުގެ މަސައްކަތް ދާދި ފަހުން ފަށާފަ އެވެ.

ރެން އާއިލާގެ 500 މެމްބަރުން -- ފޮޓޯ: ޒަންގް ލިއަންގްޒޮންގް
އެ މަސައްކަތްކޮށް ނިމުނު އިރު، މިހާރު ދުނިޔޭގައި ތިބި އެއާއިލާއަށް ނިސްބަތްވާ 2،000 މީހަކު ހޯދާފައިވާ ކަމަށް ފޮޓޯގްރާފަރު ޒަންގް ބުންޏެވެ. އެހެންކަމުން ޗައިނީސް އާ އަހަރު ފާހަގަ ކުރުމަށް ރެން އާއިލާގެ އެންމެން ޝީޝީއަށް ދިޔުމަށް ދައުވަތު ދިނީ ކަމަށާއި، އެ އެއްވުމުގައި ބައިވެރިވުމަށް ބެއިޖިން، ޝަންހާއީ، ޝިންޖިއަންގް އަދި ޓައިވާނުން އާއިލާގެ މެމްބަރުން ދިޔަ ކަމަށްވެސް ޒަންގް ބުންޏެވެ.
ޝީޝީ އަވަށުގެ ޗީފް އަދި ރެން އާއިލާގެ 26 ވަނަ ޖީލަށް ނިސްބަތްވާ ރެން ޓުއަންޖީ ބުނި ގޮތުގައި އާއިލާގެ މެމްބަރުން އެއްތަން ކުރުމުގެ މަގުސަދަކީ އާއިލާގެ ދަރިފަސްކޮޅު ފެތުރިފައިވާ ހިސާބާއި އެމީހުން ދިރިއުޅެމުންދާ ތަންތަން ބެލުމެވެ. އަދި ހާއްސަކޮށް އާއިލާގެ މެމްބަރުންނަށް އެމީހުންގެ ކާބަފައިންނަކީ ކޮންބައެއްކަން އަންގައިދިނުމެވެ. ޗައިނާ ބަހުން ރެން ޓުއަންޖީގެ މާނައަކީވެސް 'ރިޔޫނިއަން' ނުވަތަ 'އަނެއްކާވެސް ބައްދަލުވުމެވެ'. (ބީބީސީ)