08 Feb 2017, 12:14
ހދ. މަކުނުދޫގައި އައިސްޕްލާންޓެއް ބެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކަށް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މަކުނުދޫގައި، 25 ޓަނުގެ އައިސްޕްލާންޓެއް ބެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މިއަދުން ފެށިގެން އޭޕްރީލް މަހުގެ ފަސްވަނަ ދުވަހާ ހަމައަށް ހުޅުވާލާ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ، އެ ލޯނު ދޫކުރުމުގެ ބޭނުމަކީ މަސްވެރިން ބާނާމަސް، މަސްގަންނަ ފަރާތްތަކަށް ގެންދެވެންދެން ތާޒާކަންމަތީ މަސްދޯނި ފަހަރުގައި ބެހެއްޓުމަށްޓަކައި އައިސް ފޯރުކޮށްދިނުމަށް މަކުނުދޫގައި އައިސްޕްލާންޓެއް ގާއިމް ކުރުން ކަމަށެވެ.
އެ މިނިސްޓްރީން ބުނީ އެ ލޯނުގެ ޖުމްލަ އަދަދަކީ، ތިން މިލިއަން ރުފިޔާ ކަމަށެވެ. އަދި އެ ލޯނުން ލިބޭ ފައިސާ ބޭނުންކުރަންވާނީ، އައިސް ޕްލާންޓު ބެލެހެއްޓުމަށް ހޯދަންޖެހޭ މެޝިނަރީސް ގަތުމަށްކަމަށެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، އެ ލޯނާއި ބެހޭ އުސޫލާއި، ލޯނަށް އެދޭ ފޯމު ސަރުކާރު ރަސްމީ ގަޑީގައި، ފިޝަރީޒް މިނިސްޓްރީން ލިބެން ހުންނާނެ ކަމަށެވެ.