ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުގެ ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނެސް ހައްދު ކަނޑައެޅޭ ބައެއް ކުށްތައް ކުރިޔަސް ކައުންސިލް އިންތިހާބުގައި ވާދަކުރެވޭ ގޮތް ހަދައިފި އެވެ.

ލާމަރުކަޒީ ގާނޫނަށް މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު ހުށަހެޅުއްވި އިސްލާހު ކޮމިޓީން ބަދަލު ގެނައި ގޮތަށް ތަޅުމުން މިއަދު ފާސްކޮށްފައި ވަނީ 46 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 19 މެމްބަރުންނެވެ.

ލާމަރުކަޒީ ގާނޫނަށް އެ ގެނައި ބަދަލާ ގުޅިގެން ކުޑަކުދިންނާ ބެހޭ މީހުންނާއި ރޭޕްގެ ކުށްތައް ކުރާ މީހުންނަށް އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ. އޭގެ އިތުރުން މަސްތުވާތަކެތީގެ މައްސަލައެއް ސާބިތު ޖަލަށްލާ މީހަކަށް ކައުންސިލް އިންތިހާބުގައި ވާދަކުރެވޭނީ ހުކުމް ތަންފާޒު ކޮށް ނިމޭތާ، ނުވަތަ މާފުދޭތާ ހަތް އަހަރު ފަހުންނެވެ.

އެހެނިހެން ޖިނާއީ ކުށެއް ކޮށްގެން 12 މަހަށް ވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް އައިސްފައިވާ މީހެއް ނަމަ އެމީހަކަށް ކައުންސިލް އިންތިހާބުގައި ވާދަކުރެވޭނީ ހުކުމް ތަންފީޒުކޮށް ނިމޭތާ ތިން އަހަރު ފަހުންނެވެ.

މަޖިލީހަށް ބިލު ހުށަހެޅި އިރު އޭގައި ބުނެފައި ވަނީ ހައްދު ކަނޑައެޅޭ ފަދަ ބޮޑު ކުށެއް ކޮށްފައިވާ ނަމަ އެމީހަކަށް ކައުސިލް އިންތިހާބުގައި ވާދަކުރެވޭނީ ހުކުމް ތަންފީޒުކޮށް ނިމޭތާ ދެ އަހަރު ފަހުން ކަމަށެވެ.

އެ ބިލާ އެއްކޮޅަށް ވާހަކަ ދެއްކި ޕީޕީއެމްގެ ބައެއް މެމްބަރުން ވިދާޅުވީ މީހަކަށް ކުށެއް ކުރެވިދާނެ ކަމަށާއި ނަމަވެސް އެ މީހަކު މުޅި އުމުރު ދުވަހަށް ބާކީ ކުރަން ނުޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކިބައިގައި ހުންނަން ނުޖެހޭ ޝަރުތެއް ކައުންސިލް މެމްބަރުންގެ މައްޗަށް ލާޒިމު ކުރުމަކީ އިންސާފެއް ނޫން ކަމަށެވެ.

އިދިކޮޅު އެމްޑީޕީ ބައެއް މެމްބަރުން ވިދާޅުވީ ކައުންސިލަށް ކުރިމަތި ލުމަށް ހުޅުވާލައި ބައެއް ޕާޓީތަކުން ކެންޑިޑޭޓުން ނެގުމަށް ފަހު ގާނޫނަށް ބަދަލު ގެނައުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.