08 Feb 2017, 12:01
މޮސްކޯ (ފެބްރުއަރީ 8): ރަޝިއާގެ އެއާ ފޯސް އޮތީ ހަނގުރާމައަށް ތައްޔާރަށްތޯ ބެލުމަށް އެ ގައުމުގެ ރައީސް ވްލަޑިމިއާ ޕުޓިން އަންގަވާފައިވާ ކަމަށް ރަޝިއާގެ މީޑިއާތަކުން ބުނެފި އެވެ.
ރަޝިއާގެ ޑިފެންސް މިނިސްޓަރު ސާޖޭ ޝޮއިގޫއާ ހަވާލާދީ އެގައުމުގެ ނޫހެއްގައިވާ ގޮތުން ރައީސް ޕުޓިން ވަނީ އެ ގައުމުގެ އެއާ ފޯސްގެ އިތުރުން އެހެނިހެން ހަތިޔާރު އެޅި ފައުޖުތަަކާއި ކޮންޓްރޯލް އޭޖެންސީތައް އޮތީ ހަނގުރާމައަށް ތައްޔާރަށްތޯ ބެލުމަށް އަމުރު ކުރައްވައިފަ އެވެ.
އަދި އެއާ ޑިފެންސް ސިސްޓަމްސްތައް އޮތީ ހަނގުރާމައަކަށް ތައްޔާރަށްތޯ އާއި އިދިކޮޅު ފަރާތްތައް ފަހަތަށް ޖައްސާލެވޭ ވަރަށްތޯ ބެލުމަށް ހާއްސަ އިސްކަން ދޭން ޖެހޭނެ ކަމަށް ރައީސް ޕުޓިން ވިދާޅުވި ކަމަށް ޑިފެންސް މިިނިސްޓަރު ވިދާޅުވި އެވެ.
ރަޝިއާގެ މީޑިއާތަކުން އެފަދައިން ބުނެފައި ވަނީ އެ ގައުމާއި ދުނިޔޭގެ އެހެން ބޮޑެތި ބާރުތަކާ ދެމެދު ދެބަސްވުންތައް އުފެދިފައި ވަނިކޮށެވެ. އަދި ދާދި ފަހުން ރަޝިއާ އިން ވަނީ މި އަހަރު ތެރޭގައި އެ ގައުމުގެ ސިފައިން އިތުރުކޮށް، ޓޭންކުތަކާއި ހަނގުރާމަތީ އުޅަނދުތައް އިތުރުކުރަން ނިންމާފަ އެވެ. (އިންޑިޕެންޑެންޓް)