ހައްދު ކަނޑައެޅޭފަދަ ކުށްތައް ކޮށްފައިވާ ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރެވޭ ގޮތަށް އޮތް އޮތުމަށް ބަދަލުގެނެސް ޝަރުތުތައް ބަދަލު ކުރަން ޖެހޭ ކަމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލު ގެނައުމަށް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ބަހުސް މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން ޣަފޫރު ވިދާޅުވީ ރައްޔިތުންގެ ހާދިމުންގެ ގޮތުގައި ސިޔާސީ މަގާމުތަކަށް އަންނަ ފަރާތްތަކަކީ ކުށްވެރިން ކަމުގައި ވެގެން ނުވާނެ ކަމަށެވެ.

މިހާރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެވޭ ޝަރުތުތައް އޮތް ގޮތުން ހައްދު ކަނޑައެޅިފައިވާ ބޮޑު ކުށެއްކޮށްފައިވާ މީހެއް ނަމަވެސް ހުކުމް ތަންފީޒު ކުރާތާ ނުވަތަ ކުށަަށް މާފުދޭތާ ތިން އަހަރު ފަހުން މަޖިލީހަށް ކުރިމަތިލެވޭނެ އެވެ.

" ސިޔާސީ މަގާމުތަކަށް އަންނަ ފަރާތްތަކަކީ ކުށްވެރިން ކަމުގައި ވެގެން ނުވާނެ. އަދި އެބޭފުޅުންނަކީ އަބުރާ އިއްޒަތާ ޝަރަފާ ހުރި ބޭފުޅުންނަށް ވާން އެބަޖެހޭ" ޣަފޫރު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތުތައް މީގެ ކުރިން އޮތް ގޮތަށް މަޖިލިސް ކަމަށް ކުރިމަތިލުމުގެ ޝަރުުތުތައް ވެސް ބަދަލު ކުރަންޖެހޭ ކަމަށް ޣަފޫރު ވިދާޅުވި އެވެ. އަދި ވިދާޅުވީ "އަޅުގަނޑުމެންނަށް ފަހަތައް ދެވެން ނެތް" ކަމަށެވެ.

ލޯކަލް ކައުސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތުތައް މީގެކުރިން އޮތްގޮތުން ހައްދު ކަނޑައެޅިފައިވާ ކުށެއް ކޮށްފައިވާ މީހަކަށް މަޖިލީހަށް ކުރިމައްޗެއް ނުލެވޭނެ އެވެ.

ނަމަވެސް އެ ޝަރުތުތަކަށް ބަދަލުގެނައުމަށް މަޖިލީހަށް ހުށަހެޅި ބިލު ކޮމިޓީން ފާސްކުރި އިރު އިންތިހާބުގައި ވާދަނުކުރެވޭނީ ހަމައެކަނި ކުޑަކުދިންނަށް ބެހޭ މީހުންނާއި ރޭޕްގެ ކުށްތައް ކުރާ މީހުންނަށެވެ.

އޭގެ އިތުރުން މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ ޖަލަށްލާ މީހަކަށް ކައުންސިލް އިންތިހާބުގައި ވާދަކުރެވޭނީ ހުކުމް ތަންފާޒު ކޮށް ނިމޭތާ، ނުވަތަ މާފުދޭތާ ހަތް އަހަރު ފަހުން ކަމަށް ކަނޑައަޅައި ބިލު ވަނީ އިސްލާހުކޮށްފަ އެވެ.

އެހެނިހެން ޖިނާއީ ކުށެއް ކޮށްގެން 12 މަހަށްވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް އައިސްފައިވާ މީހެއް ނަމަ އެމީހަކަށް ކައުންސިލް އިންތިހާބުގައި ވާދަކުރެވޭނީ ހުކުމް ތަންފީޒުކޮށް ނިމޭތާ ތިން އަހަރު ފަހުން ކަމަށް ކަނޑައަޅާ ބިލު ވަނީ އިސްލާހުކޮށްފައެވެ.