ބ. އަތޮޅުގައި އޮންނަ އަނަންތަރާ ކިހަވައްވިލާ ރިސޯޓް އަށް ޗުއްޓީއަށް ދިޔަ ސައުދީ ފަތުރުވެރިއަކު އެ އަތޮޅު ކެންދޫގެ ހުކުރު މިސްކިތައް ބޮޑު އެހީތެރިކަމެއްވެ ދީފި އެވެ.

ކެންދޫ ކައުންސިލްގެ ރައީސް އަބްދުލްގައްފާރު ގާސިމްއާ ހަވާލާދީ އޭދަފުށީ ވޮއިސް (އީވީ) ނޫހުން ބުނީ، ސައުދީ ފަތުރުވެރިޔާ ހަދިޔާކުރި ތަކެތީގެ ތެރޭގައި މިސްކިތުގައި އަޅާ ކާޕެޓާއި އެއާ ކަންޑިޝަންގެ އިތުރުން ސައުންޑް ސިސްޓަމް ކަމަށެވެ.

އެ ތަކެތީގެ އަގު ގާތްގަނޑަކަށް ހަތަރު ލައްކަ ރުފިޔާއަށް އަރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކެންދޫ ކައުންސިލާ ހަވާލާދީ އެ ނޫހުން ބުނި ގޮތުގައި އެ ރަށު މިސްކިތަށް ހަދިޔާކުރި ތަކެއްޗަކީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެ ރަށަށް ދިޔަ ސައުދީ ފަތުރުވެރިޔާ އެ ރަށު މިސްކިތް ބެލުމަށް ފަހު ދޭން ނިންމި ތަކެއްޗެވެ.

އެ ތަކެތި ސީދާ ސައުދީ އަރަބިއްޔާ އިން ރާއްޖެ ފޮނުވީ މިދިޔަ މަހުގެ ތެރޭގައި ކަމަށާއި ތަކެތި މިހާރު ހުރީ ކެންދޫ ކައުންސިލްގެ ބެލުމުގެ ދަށުގައި ކަމަށް ވެސް ކެންދޫ ކައުންސިލުން ބުނެ އެވެ.

"މިއީ ކެންދޫ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އަންނަ ރޯދަ މަހުގެ ކުރިން މިސްކިތުގައި ކާޕެޓްއަޅައި އެއާކޯން ހަރުކޮށް ސައުންޑް ވެސް ބެހެއްޓުމަށް މަސައްކަތް ކުރަމުންދަނީ،" ކެންދޫ ކައުންސިލްގެ ރައީސް ގައްފާރު ވިދާޅުވި ކަމަށް އީވީގައި ބުނެފައިވެ އެވެ.

ބ. އަތޮޅު ރިސޯޓްތަކަށް އަންނަ ފަތުރުވެރިން މީގެ ކުރިން ވެސް އެ އަތޮޅުގެ ރަށްރަށަށް ޒިޔާރަތްކޮށް، އެ ރަށްރަށަށް ބޮޑެތި އެހީތަކެއް ވަނީ ވެދީފަ އެވެ.