27 Jun 2011, 09:29
ޤާހިރާ: މަޤާމުން ދުރުކުރެވިފައިވާ މިސްރުގެ ކުރީގެ ރައީސް މުޙައްމަދު ޙުސްނީ މުބާރަކަށް ކެންސަރު ޖެހިފައިވާ ކަމުގެ މެޑިކަލް އެއްވެސް ރިޕޯޓެއް ފެންނަން ނެތްކަމަށް މިސްރުގެ ސިއްޙަތާބެހޭ ވުޒާރާއިިން ބުނެފިއެވެ.
މިސްރުގެ ސިއްޙަތާބެހޭ ވަޒީރުގެ ނައިބު އަބްދުލްހަމީދު އަބާޟާ އިއްޔެ ވިދާޅުވީ މުބާރަކަށް ކެންސަރު ޖެހިފައިވާ ކަމުގެ އެއްވެސް މެޑިކަލް ރިޕޯޓެއް މިހާތަނަށް ހޯދިހޯދުންތަކުން ފެންނަން ނެތްކަމަށާއި އެފަދަ ރިޕޯޓެއް އެ ވުޒާރާ އަށް ލިބިފައި ވެސް ނުވާ ކަމަށެވެ.
މުބާރަކަށް ކެންސަރު ޖެހިފައިވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައި ވަނީ އޭނާގެ ޤާނޫނީ ވަކީލު ފަރީދްއައްދީބް އެވެ. ފަރީދް މިދިޔަ ހަފްތާގައި ވިދާޅުވެފައި ވަނީ މުބާރަކަށް ކެންސަރުޖެހިފައިވާކަން ކަށަވަރުކޮށްދޭ މެޑިކަލް ޗެކްއަޕްތަކުގެ ރިޕޯޓްތަކާއި ޑޮކްޓަރުންގެ ލިޔުންތައް އެބަހުރި ކަމަށާ މުބާރަކްގެ މައްޗަށް ޝަރީޢަތް ހިންގޭ ވަރަށްވުރެ އޭނާގެ ސިއްޙީ ޙާލުކޮޅު ދަށްކަން އެރިޕޯޓްތަކާއި ލިޔުންތަކުން ހާމަވާ ކަމުގައެވެ. ނަމަވެސް މުބާރަކަށް ޖެިހފައިވަނީ ކޮންބާވަތެއްގެ ކެންސަރެއްކަން އޭނާގެ ޤާނޫނީ ވަކީލް ހާމައެއް ނުކުރައްވައެވެ.
މުބާރަކް ސަލާމަތް ކުރުމުގައި ފަރީދް މަސައްކަތް ކުރައްވަމުން ގެންދަވަނީ ޝަރީއަތް ހިންގޭ ވަރަށްވުރެ މުބާރަކްގެ ސިއްޙީ ޙާލުކޮޅު ދެރަކަން ބަޔާން ކުރެއްވުމުގެ ސްޓްރެޓެޖީއެއްގެ ދަށުން ކަމަށް މިސްރުގެ ބައެއް ނޫސްތަކުން ސިފަކޮށްފައިވެ އެވެ.
އުމުރުން 83 އަހަރުގެ މުބާރަކުގެ ގޯލްބްލެޑަރ ނެގުމުގެ އޮޕަރޭޝަނެއް ޖަރުމަނުގެ ހިޑްލްބާރގްގައި 2010 ވަނަ އަހަރު ކޮށްފައިވެއެވެ. އަދި މުބާރަކްގެ ޑިޔޯޑިނަމް ގައި އުފެދިފައިވާ ކުޑަވަރެއްގެ ޓިއުމަރެއް ވެސް އެއޮޕަރޭޝަންގައި ޖަރުމަނުގެ ޑޮކްޓަރުން ނަގާފައިވެއެވެ.
މުބާރަކްގެ ވެރިކަމާ ދެކޮޅަށް އުތުރިއެރި މިސްރުގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް އޭނާގެ އަމުރަށް ސަލާމަތީ ބާރުތަކުން ހަތިޔާރުގެ ބޭނުން ކޮށްއެތަށް ސަތޭކަ ބަޔަކު މަރާލި މައްސަލާގައާއި ވެރިކަމުގެ ބާރާއި ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރެއްވުމާއި ކޮރަޕްޝަންގެ އެތަށް ތުހުމަތުތަކެއް މުބާރަކްގެ މައްޗަށްވަނީ ކުރެވިފައެވެ.
މުބާރަކްގެ ސިއްޙީ ޙާލުކޮޅު ދަށްކަމުން އޭނާ މިހާރުވެސް އޮންނެވީ ޝަރްމުއްޝައިޚްގެ ހޮސްޕިޓަލެއްގައި އެނދުމަތި ކުރެވިފައެވެ. އަދި މުބާރަކްގެ ދެދަރިންވަނީ ތަޙްޤީޤަށްޓަކައި ބަންދު ކުރެވިފައެވެ. މުބާރަކާ ދެކޮޅަށް ކުރެވިފައިވާ ތުހުމަތުތައް ސާބިތުވެއްޖެނަމަ އުމުރަށް ޖަލަށް ލުމުގެ ޙުކުމެއް އޭނާގެ މައްޗަށް އަންނާނެ ކަމަށް ޤާނޫނީ ތަޖްރިބާކާރުން ލަފާކުރެއެވެ. (އަލްޖަޒީރާ)