އދ. މަޖިލިސް (ފެބްރުއަރީ 8) : މިޔަންމާގެ ބައިމަދު ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކުގެ ތެރޭގައި ސިސްޓަމެޓިކްކޮށް އަންހެނުންނާއި އަންހެން ކުދިންގެ އިއްފަތްތެރިކަމަށް އަރައިގަތުން ހިމެނޭކަމަށް އދ. އިން ބުނެފި އެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ތަރްޖަމާން ސްޓެފަން ޑުޖަރިކް ވިދާޅުވީ ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކުގެ ތެރޭގައި ހިމެނޭ އެންމެ ބިރުވެރި އެއްއަމަލަކީ ރޮހިންގްޔާ ދަރިކޮޅުގެ އަންހެނުން ރޭޕްކޮށް އެމީހުންގެ އިއްފަތްތެރިކަން ފޭރިގަތުން ކަމުގަ އެވެ. މިޖަރީމާ ހިންގާކަމުގެ ތުހުމަތު ކުރެވެނީ މިޔަންމާގެ ސިފައިންނާ އަދި ބުޑިސްޓް ޖަމާއަތުގެ މީހުންގެ މައްޗަށްކަމަށް ވެސް ނިޔުޔޯކްގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ޑުޖަރިކް ވިދާޅުވި އެވެ.

އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ ޖަމްއިއްޔާ އެމްނެސްޓީ އިންޓަނޭޝަނަލް އާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކުން ވަނީ ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމް އަންހެނުން ގްރޫޕް ގުރޫޕަށް ރޭޕްކުރާ މައްސަލަ ބައިނަލްއަގްވާމީ މުޖްތަމައުގެ ސަމާލުކަމަށް ގެނަސްފަ އެވެ. މީގެ އިތުރުން މިޔަންމާގެ ހަރުކަށި ބުޑިސްޓް ޖަމާއަތްތަކުންނާއި ބުޑިސްޓުންގެ ހާމުދުރުން އިސްކޮށް ތިބެގެން ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންގެ ގެދޮރުގައި ހުޅުޖަހައި އެމީހުންގެ މުދާތައް ފޭރިގަނެ ވަޒަނުން ބޭރުވުމަށް މަޖްބޫރު ކުރުން ފަދަ ޖަރީމާތައް ހިންގަމުންގެންދާ މައްސަލަ ވެސް މިޖަމާއަތްތަކުން ވަނީ އދ. އާއި ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ސަމާލުކަމަށް އެތައް ފަހަރަކު ގެނަސްފަ އެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާ އިން އިއްޔެވަނީ މިޔަންމާގެ ބައިމަދު ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކާމެދު ކަންބޮޑުވާކަން ހާމަކުރައްވައި ވާހަކަ ދައްކަވާފަ އެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާން ކެޓީނާ އެޑަމްޒް ވިދާޅުވީ ރޮހިންގްޔާ ދަރިކޮޅުގެ އަންހެނުން ގުރޫޕް ގުރޫޕަށް ރޭޕްކުރާ މައްސަލަ ބަލައި ތަހްގީގް ކުރުމަށް އދ. އަށް އިލްތިމާސް ކުރައްވާ ކަމުގައެވެ.

އެމެރިކާ މިމޭރުމުން ވާހަކަ ދެއްކި ނަމަވެސް މިމައްސަލަ ހައްލު ކުރުމަށް ނޫނީ ރޮހިންގްޔާ މުސްލިމުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ޓަކައި މިޔަންމާގެ ސަރުކާރަށް އެއްވެސް ފިއްތުންތަކެއް ކުރުމަށް އެމެރިކާ ވަނީ ފަސްޖެހިފަ އެވެ.

މިޔަންމާ ސަރުކާރުގެ ސިޔާސީ އެންމެ އިސް ލީޑަރު ކަމަށްވާ ޚާރިޖީ ވަޒީރު އަދި ކުރީގެ އިދިކޮޅު ލީޑަރު އަންގް ސަންގް ސޫޗީ ވެސް ވަނީ ރޮހިންގްޔާ މުސްލިމުންގެ އިންސާނީ ހައްގުތަކުގެ މައްސަލައަށް އަޅާނުލައްވައި ދޫކޮށްލައްވާފަ އެވެ. އަންގް ސަންގް ސޫޗީއަކީ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރައްވާތީ ދުނިޔޭގެ ސުލްހައިގެ ނޯބަލް އިނާމު ވެސް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

ރޮހިންގްޔާ މުސްލިމް އަންހެނުންގެ އިއްފަތްތެރިކަމަށް ސިސްޓަމެޓިކްކޮށް އަރައިގަންނަމުންދާ ކަމުގެ ޚަބަރުތަކާ އެކު ވެސް މިޔަންމާ ސަރުކާރުން އެއްވެސް ވަރަކަށް މިކަމާ މެދު ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. ދާދިފަހުންވަނީ މިޔަންމާގެ ސަލާމަތީ ބާރުތަކުގެ ބަޔަކު ރޮހިންގްޔާ ދަރިކޮޅުގެ ބައެއްގައި ކޮޅުފައިން ޖަހައި އެމީހުންނަށް ޖިސްމާނީ އަނިޔާތައްކުރާ މަންޒަރެއް ވެސް ދުނިޔޭގެ މީޑިޔާގައި އާންމުވެފަ އެވެ.

މިޔަންމާގެ ބައިމަދު ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންގެ އަދަދު 1.1 މިލިޔަނަށް އަރާއިރު އެމީހުން ދިރިއުޅެނީ އެގައުމުގެ ހުޅަނގުގެ ރެކިން ސްޓޭޓްގައެވެ. މިޔަންމާ ސަރުކާރުން ވަނީ އެއީ އެގައުމުގެ ރައްޔިތުންކަމަށް އިއްތިރާފް ވުމަށް ވެސް ދެކޮޅު ހަދާފަ އެވެ. މިޔަންމާ ސަރުކާރު ދެކެނީ ބައިމަދު ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންނަކީ ކުރީ ޒަމާނެއްގައި އަވަށްޓެރި ބަންގްލަދޭޝް އިން އެގައުމަށް ޣައިރުގާނޫނީ ގޮތުން ހިޖްރަކުރި ބައެއް ކަމުގަ އެވެ. (ނޫސްއެޖެންސީތައް)