އޭއެފްސީ ކަޕްގެ ޕްލޭއޯފް ބުރުގައި އިންޑިއާގެ މޯހަން ބަގާންއާ ދެކޮޅަށް ނުކުންނަން ޖެހުނަސް، ރާއްޖޭގެ ކްލަބު ވެލެންސިއާގެ ފުރަތަމަ ޓާގެޓަކީ އެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދުން ކަމަށް ވެލެންސިއާގެ ކޯޗު އަހްމަދު މުޖްތަބާ (ފެސްކޯ) ބުނެފި އެވެ.

ބޫޓާނުގައި ކުޅުނު ފުރަތަމަ ލެގު ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވި އިރު، މާލޭގައި އިއްޔެ ކުޅުނު ދެވަނަ ލެގު މެޗުން ވެލެންސިއާ މޮޅުވީ 3-0 ލަނޑުންނެވެ. އެހެންކަމުން ޕްލޭއޯފް ބުރުން ފުރުސަތު ލިބޭނީ ވެލެންސިއާއަށެވެ. އަދި ޕްލޭއޯޕް ބުރުގައި ވެލެންސިއާ ނުކުންނަން ޖެހޭނީ އިންޑިއާގެ ފެޑެރޭޝަން ކަޕްގެ ޗެމްޕިއަން މޯހަން ބަގާންއާ ދެކޮޅަށެވެ.

"ޕްލޭއޯފް މެޗަށް ތައްޔާރުވާން އަޅުގަނޑުމެންނަށް ކުޑަ ދުވަސްކޮޅެއް އެބަލިބޭ. އަޅުގަނޑުމެން އުންމީދުކުރަނީ މި ކާމިޔާބު ދެމެހެއްޓޭނެ ގޮތަކަށް މިކަން ކުރެވޭތޯ މަސައްކަތްކުރުން. މޯހަން ބަގާން ކަމަށްވިޔަސް، ވެލެންސިއާގެ އަމާޒަކީ މިފަހަރު އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ފުރަތަމަ ޖާގަ ހޯދުން. އެއީ މިވަގުތަށް ޓާގެޓް ކަމަށް ބަލައިގެން އަޅުގަނޑުމެން މަސައްކަތް މިފެށީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ ޓާގެޓް ހާސިލްކުރާނަން،" މެޗަށް ފަހު ވެލެންސިއާގެ ކޯޗު ފެސްކޯ ބުންޏެވެ.

ފެސްކޯ ބުނީ، ތިމްޕޫއާ ދެކޮޅަށް ވެލެންސިއާގެ ކުޅުންތެރިން ދެއްކި ހުނަރާއި މަސައްކަތަށް ކޯޗިން ސްޓާފުންގެ ނަމުގައި ތައުރީފްކުރާ ކަމަށާއި މެޗުގައި ހޯދުނު ނަތީޖާއަކީ ވަރަށް ރަނގަޅު ނަތީޖާއެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި އެ ނަތީޖާއަކީ މެޗުގެ ކުރިން އުންމީދުކުރަމުން ދިޔަ ނަތީޖާއެއް ކަމަށް ވެސް އޭނާ ބުންޏެވެ.

"އެޓީމުގެ ފޯކަސް ހުރީ ޑްރޯއަކާ ދިމާލަށް. ނުވަތަ ބަލިނުވެ ސަލާމަތްވުން އެމީހުންގެ ޓާގެޓަކަށް ކަމަށް އޮތީ. މެޗުގެ ފުރަތަމަކޮޅު ހާއްސަކޮށް އެޓީމުން ކުރިއަށް އަރާ އެޓޭކްކުރާކަށް ނުވަތަ ބޯޅަ ކުޅެން މަސައްކަތްކުރާ ތަނަށްވުރެ، އަޅުގަނޑުމެންގެ އެޓޭކްތައް ހުއްޓުވޭތޯ މަސައްކަތްކުރަމުންދިޔަތަން ފެނުނީ. ނަތީޖާއެއްގެ ގޮތުން ކޮންމެ ކުޅުންތެރިއެއް ކައިރީ އެޓީމުގެ ދެކުޅުންތެރިން ކޮންމެ ފަހަރަކު ވެސް ބްލޮކްކުރަމުން ދިޔައީ. ހާއްސަކޮށް ރިލޭއަށް ފުރަތަމަކޮޅު ލިބުނު ފުރުސަތު ބްލޮކްކުރެވޭތޯ އެމީހުން މަސައްކަތްކުރި،" އޭނާ ބުންޏެވެ.

ފެސްކޯ އިތުރަށް ބުނީ، ތިމްޕޫގެ ގޯލްކީޕަރު އެންގަވާންގް ޖަމްޕެލްއަށް ތައުރީފްކުރާ ކަމަށާއި މެޗުގައި އޭނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ކަމަށެވެ. އަދި މެޗުގައި ވެލެންސިއާ އިން ޕްރޮފެޝަނަލް ހަމަލާތަކެއް އުފެއްދި ނަމަވެސް، ގިނަ ހަމަލާތަކެއް ކީޕަރު ޖަމްޕެލް ވަރަށް ރަނގަޅަށް މަތަކުރިކަން ވެސް އޭނާ ފާހަގަކުރި އެވެ.