އަތޮޅުތެރޭގެ ރަށްތަކަށް ވެސް ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކުރައްވަމުން ގެންދަވާކަން އިދިކޮޅު ފަރާތްތަކުން ވެސް ގަބޫލު ކުރާ ކަމަށް ފުނަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ސަލީމް ވިދާޅުވެއްޖެ އެވެ.

ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ރައީސް ޔާމީން އިއްވެވި ރިޔާސީ ބަޔާނާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އަލީ ސަލީމް ވިދާޅުވީ، ކޮންމެ ދާއިރާއަކަށް ބެލި ނަމަވެސް ހިދުމަތްތައް ފުރިހަމައަށް ދިނުމަށް ޓަކައި ހުރިހާ ރަށެއްގައި ވެސް މަސައްކަތްތަކެއް ކުރެވެމުން ދާކަމަށެވެ.

ބިން ބޮޑު ކުރުމާއި، ތޮށިލުމުގެ އިތުރުން ރައްޔިތުންނަށް ބޭނުން ވެފައި ހުރި ގިނަ ކަންތައްތަކެއް ކުރަމުންދާ އިރު، ސަރުކާރުން ތަރައްގީއަށް ކަންކަން ނުކޮށްދޭ ކަމަށް އިދިކޮޅު މެމްބަރުން ބުނަމުންދާ ކަމަށެވެ. ނަމަވެސް ސައި ކޮޓަރިތަކުގައި އެ މެމްބަރުންގެ ވާހަކަ ވެސް ތަފާތުކަމަށް ސަލީމް ވިދާޅުވި އެވެ.

އެގޮތުން ރަށުގައި ނުނިމި އޮތް ބަނދަރާއި އެހެނިހެން މަސައްކަތައް ވެސް ރައީސް ޔާމީންގެ ސަރުކާރުން ކުރަމުންދާ ކަމަށް އެމްޑީޕީގެ މެމްބަރުން ގަބޫލު ކުރާކަމަށް ސަލީމް ވިދާޅުވި އެވެ.

"މިވާހަކަ ދެއްކުމުން [އެމްޑީޕީ މެމްބަރުން] މި ކިޔަނީ ކޮންކަމެއްހޭ ވަނީ، ކޮން ކަމެއްހޭވީ. އެމީހުން އަމިއްލައަށް އެވާހަކަ ދައްކާފައި ގޮސް، މަޖިލީހުގައި ސައިކޮޓަރީގައި ކިޔާނެ ތިމަންނަމެން އެހެން ބުނަން ޖެހޭނެ ނޫންހޭ. ތިމަންނަމެން އެހެން ބުނެގެން ނޫންހޭ ބަޔަކަށް އެއްޗެއް ވިސްނައިދެވޭނީ. ތިމަންނަމެން ވެސް ގަބޫލު ކުރަމޭ ތިމަންނަމެން ރަށުގައި ނުހެދިފައި އޮތް ފަޅުވެސް ހަދައިފިޔޭ މި ސަރުކާރުން. އަޅުގަނޑުމެން ހަދަން އުޅުނު މަގުވެސް ނުހެދިފައި އޮއްވާ ހަދައިފިއޭ. އެކަމަކު ތިމަންނަމެން އެވާހަކަ ދައްކަން ޖެހޭނެ ނޫންހޭ،" ސަލީމް ވިދާޅުވި އެވެ.

ސަލީމްގެ ވާހަކަފުޅުގައި ރައީސް ޔާމީން ރާއްޖޭގެ އިގްތިޞާދަށާއި އުމްރާނީ ގޮތުން ގެންނަ ބަދަލާއި، އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ހިންގާ މަޝްރޫއުތަކަކީ ރައީސް ޔާމީން ހަދަހަދައިގެން ދައްކަވާ ވާހަކަތަކެއް ނޫން ކަން ދިވެހި ރައްޔިތުން ގަބޫލު ކުރާ ކަމަށް ވިދާޅުވި އެވެ.