ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ސީރިއާއަށް އެތެރެވާން މަސައްކަތް ކުރި ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

އަންގާރަ ދުވަހުގެ ރޭ ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ސީރިއާގެ ހަނގުރާމައިގައި ބައިވެރިވުމަށް ސީރިއާއަށް އެތެރެވާން މަސައްކަތް ކުރި ދިވެއްސަކު ހައްޔަރުކޮށްގެން މާލެ ގެނެސްފައިވާ ކަަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި، އެފަދަ މައްސަލަތައް މަދުކުރުމަށްޓަކައި ބައިނަލްއަގްވާމީ ފަރާތްތަކާ އެކު ފުލުހުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ފުލުހުންގެ ގާބިލުކަން އިތުރު ކުރުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހަނގުރާމައަށް ސީރިއާއަށް އެތެރެވާން އުޅުނު މީހާއާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ހަނގުރާމައިގައި ބައިވެރިވުމަށް ރާއްޖެއިން ބޭރަށް ދިވެހިން ދާ މިންވަރު އިތުރުވެފައިވާއިރު، މިދިޔަ ހަފްތާ ތެރޭގައި ވަނީ ހަނގުރާމައެއްގައި ބައިވެރިވުމުގެ ކުށުގައި މީހެއްގެ މައްޗަށް ދައުލަތުން ދައުވާވެސް އުފުލައިފައެވެ.

އޭގެ އިތުރުން މީގެ ކުރިންވެސް ބޭރަށް ހަނގުރާމަކުރަން ދިޔަ ބައެއްގެ މައްޗަށް ދައުވާކުރަން ކޯޓުގައި އެދިފައިވެ އެވެ. އެ މައްސަލަ ދަނީ ކޯޓުގައި ހިނގަމުންނެވެ.

ހަނގުރާމައަށް ދިވެހީން ބޭރަށް ދިއުމުގެ މައްސަލަ އިތުރުވަމުންދާއިރު، ރާއްޖެއިން ސީރިއާއަށް ހަނގުރާމައަށް ދިޔަ ބައެއް ދިވެހިން ވަނީ ހަނގުރާމައިގައި މަރުވެފައެވެ.