07 Feb 2017, 21:51
އޭއެފްސީ ކަޕް ކޮލިފިކޭޝަންގެ ޕްލޭއޮފްގައި ރާއްޖޭގެ ކްލަބު ވެލެންސިއާއަށް އިންޑިއާގެ ފެޑެރޭޝަން ކަޕްގެ ޗެމްޕިއަން މޯހަން ބަގާންއާ ވާދަކުރާން ޖެހިއްޖެއެވެ.
އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ބޫޓާންގެ ލީގު ޗެމްޕިއަން ތިމްޕޫ ސިޓީއާ ވާދަކޮށް ދެ ލެގުން (3-0)ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ވެލެންސިއާއިން މިއަދު ވަނީ ޕްލޭއޮފްގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މޯހާން ބަގާން ވަނީ، މިރޭ ކަލްކަތާގައި ސްރީ ލަންކާގެ ކޮލަމްބޯ އެފްސީއާ ވާދަކޮށް، 2-1ގެ ނަތީޖާއަކުން (އެގްރިގޭޓް ނަތީޖާ 4-2)އިން މެޗު ކާމިޔާބުކޮށް ޕްލޭއޮފްގެ ޖާގައެއް ހޯދައިފައެވެ.
7 ފެބްރުއަރީ 2017: އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި މިއަދު ހަވީރު ކުލަބް ވެލެސިއާއާއި ބޫޓާންގެ ތިމްޕޫ ސިޓީ ބައްދަލު ކުރިމެޗުގެ ތެރެއިން: 3-0 ގެ ނަތީޖާއަކުން އެ މެޗުކާމިޔާބް ކުރީ ކުލްބް ވެލެންސިއާ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގުގައި ތިމްޕޫ ސިޓީއާއި ވެލެންސިއާ ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. އެ މެޗު ކުޅުނީ މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ތިމްޕޫ ސިޓީގައެވެ.
ޕްރިލިމިނަރީ ރައުންޑުގެ ފުރަތަމަ ލެގުގައި ކޮލަމްބޯ އެފްސީއާ ދެކޮޅަށް މޯހަން ބަގާން ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 2-1 ލަނޑުގެ ނަތީޖާއަކުންނެވެ.
ޕްލޭއޯފް ބުރުގައި މޯހަން ބަގާންއާ ދެކޮޅަށް ވެލެންސިއާ ކުޅޭ ފުރަތަމަ ލެގު މެޗު ކުޅޭނީ މިމަހުގެ 21 ވަނަ ދުވަހު މާލޭގައެވެ. ދެވަނަ ލެގު ކުޅޭނީ މިމަހުގެ 28 ވަނަ ދުވަހު އިންޑިއާގައެވެ.