ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ މާކެޓިން އެންޑް ޕްރޮމޯޝަންގެ ޑިރެކްޓަރަކަށް ވޮލީ ކޯޗު އަދި މަޝްހޫރު ފޮޓޯގްރާފަރު މުހައްމަދު ޝާފީ ހަމަޖައްސައިފިއެވެ.

ކުރިން ވީއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ވެސް ފުރުއްވާފައިވާ ޝާފީ އެ މަގާމަށް އައްޔަންކުރީ ކޮންގޮތަކަށް ބެލުމަށްފަހު، ހިންގާ ކޮމިޓީންތޯ ނުވަތަ ރައީސް މުހައްމަދު ލަތީފްގެ ނިންމެވުމަކަށްތޯ ބެލުމަށް 'ސަން ސްޕޯޓްސް'އިން މަސައްކަތްކުރި ނަމަވެސް، ލަތީފުގެ ފޯން ނިއްވާލައިވުމުން އޭނާގެ ފަރާތުން ޖަވާބެއް ލިބިފައެއް ނުވެއެވެ.

'ސަން ސްޕޯޓްސް' އަށް މައުލޫމާތުދެއްވަމުން ޝާފީ ވިދާޅުވީ، އެ މަގާމަށް އޭނާ ހަމަޖެއްސިކަން އަންގާފައިވަނީ ރައީސް ލަތީފް ކަމަށާއި އޭނާގެ މަސްއޫލިއްޔަތަކީ ކުޅުންތެރިންނާއި ޓީމުތަކުގެ ފެންވަރު އާންމުންނަށް އަންގައިދީ، ވޮލީ މުބާރާތްތަކުގައި އިޝްތިހާރުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުން ކަމަށެވެ.

"ކުޅުންތެރިންނާއި ޓީމުތަކުގެ ކުޅުމާއި ފެންވަރު އެބަޖެހޭ އާންމުންނަށް އެނގޭގޮތް ހަދައިދޭން. އެއީ އަޅުގަނޑުގެ އެއް މަސްއޫލިއްޔަތު. ރާއްޖޭގެ ކުޅިވަރަކީ އިސްތިހާރުކުރަން ބޭނުންވާ ފަރާތްތަކަށް ވަރަށް ރަނގަޅު ފުރުސަތެއް. އެ ފުރުސަތުތައް ހުޅުވާލުމާއި ފުރުސަތުތައް ހުރި، ނެތް ގޮތް އަންގައިދިނުމާއި، އެ ފަރާތްތަކާ ގުޅިގެން އެ މަސައްކަތްކޮށްދިނުން،" އޭނާ ވިދާޅުވިއެވެ.

ޝާފީ ވިދާޅުވީ، ކުރިއަށްއޮތްތަނުގައި ރާއްޖޭގައި ކުޅޭ ވޮލީގެ ހުރިހާ މުބާރާތްތަކެއް މިހާރަށްވުރެ ފުރިހަމައަށް ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ފެނިގެންދާނެ ކަމަށެވެ.

މިދިޔަ މަހު ނިމިގެންދިޔަ އެފްއައިވީބީ ވޯލްޑް ވިމެންސް ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ކޮލިފައިން މުބާރާތް ފެށުމާއެކު ވީއޭއެމްގެ ތެރެއިން ޝާފީ ފެންނަމުންދިޔައެވެ. ނަމަވެސް ރަސްމީކޮށް މިހާރު މިވަނީ ވީއޭއެމްއިން އޭނާއަށް މަގާމެއް ދީފައެވެ.

ޝާފީއަކީ ކުރިން ވީއޭއެމްގެ ރައީސްކަމަށް ވެސް ކުރިމަތިލެއްވި ފަރާތެކެވެ. ވީއޭއެމްއިން 2012 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ޝާފީ ވާދަކޮށް އެންމެ ވޯޓަކުން ބަލިވިއިރު، މިދިޔަ އަހަރު ބޭއްވި ވީއޭއެމްގެ ފުރަތަމަ އިންތިހާބުގައި ޝާފީ ވާދަކުރާނެ ކަމަށް އިއުލާންކުރެއްވި ނަމަވެސް ފަހުން އޭނާ ވަނީ ނަން އަނބުރާ ނަންގަވައިފައެވެ.

ދާދިފަހުން ވީއޭއެމްގެ ހިންގާ ކޮމިޓީގެ ތެރޭގައި ވަނީ ބޮޑެތި މައްސަލަތަކެއް ޖެހިފައެވެ. ވީއޭއެމްގެ ހިންގާ ކޮމިޓީގެ މެންބަރު އަލީ އިޔާޒް އިސްތިއުފާގެ ސިޓީއެއް ހުށަހަޅާފައިވާ ކަމަށް އެ އެސޯސިއޭޝަންގެ ރައީސް ލަތީފް ދިޔައީ ވިދާޅުވަމުންނެވެ. ނަމަވެސް އެ ސިޓީއަކީ އިޔާޒްގެ ސިޓީއެއް ނޫން ކަމަށް އިޔާޒް ދަނީ ވިދާޅުވަމުންނެވެ. އެ މައްސަލައަށްފަހު ދެން ކުރިމަތިވި އަނެއް މައްސަލައަކީ ހިންގާ ކޮމިޓީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް)އަށް ޒިންމާ އަދާނުކުރެވޭކަމަށްބުނެ، މަގާމުން އޭނާ ވަކިކުރުމެވެ.

އެއަށްފަހު ދެން ފެނިގެންދިޔައީ ވީއޭއެމްގެ ރައީސް ލަތީފް، ޔޫތު ސްޕޯޓްސް ކްލަބުގެ މެންބަރުކަމުން ވަކިކުރުމެވެ. އެހެންވުމުން ލަތީފަށް މަގާމު ގެއްލޭނެކަމަށް ވީއޭއެމްގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވީ ނަމަވެސް، ލަތީފް ވިދާޅުވީ އޭނާއަށް އެ މަގާމު ނުގެއްލޭނޭ ކަމަށެވެ.

ލަތީފް އިންތިހާބަށް ކުރިމަތިލީ ޔޫތު ސްޕޯޓްސްގެ މެންބަރެއްގެ ގޮތުގައެވެ. އަސާސީ ގަވާއިދުގައި ބުނާގޮތުން، ވީއޭއެމްގެ ހިންގާ ކޮމިޓީއަށް އިންތިހާބުކޮށްފައިވާ މެންބަރަކު އޭނާ ރަޖިސްޓަރީވެފައިވާ ކްލަބު، ޖަމިއްޔާ ނުވަތަ ޖަމާއަތެއްގެ މެންބަރުކަމުން ވަކިކޮށްފިނަމަ ނުވަތަ އިސްތިއުފާދީފިނަމަ ހިންގާ ކޮމިޓީގެ މަގާމު ގެއްލޭނެއެވެ.