މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ތިން ވަނަ އެމްބީއޭ ކަޕްގެ ފުރަތަމަ މެޗު ފަސޭހަ ކަމާ އެކު ޔޫއެން ފްރެންޑްސް ބަލިކޮށް އެލްޓީ ސްޕޯޓްސް އިން ކާމިޔާބްކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު ދެވަނަ ޑިވިޝަނުގެ އެ މެޗު އެލްޓީ ސްޕޯޓްސް ކާމިޔާބުކުރީ 55 ޕޮއިންޓުންނެވެ. ޔޫއެން ފްރެންޑްސްއަށް އެއްކުރެވިފައިވަނީ 37 ޕޮއިންޓެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެލްޓީ ސްޕޯޓްސްއަށް 15 ޕޮއިންޓް އެއްކޮށްދިން އީވާން ޒާހިރެވެ.

އެމްބީއޭ ކަޕްގެ ދެވަނަ ޑިވިޝަންގައި އެލްޓީ ސްޕޯޓްސް އާއި ޔޫއެން ފްރެންސް ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ

އެ މުބާރާތުގައި ކުރިއަށްދާނީ ފިރިހެން ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަން އަދި އަންހެން ޑިވިޝަނެވެ. އެ މުބާރާތުގެ ދެވަނަ ޑިވިޝަންގައި ހަ ޓީމެއް ވާދަކުރާ އިރު، އެ ޑިވިޝަން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އެކެއްގައި ހިމެނެނީ އެލްޓީއާއި ޔޫއެން ފްރެންޑްސް އަދި އެލްކިޔު އެވެ. ގްރޫޕް ދޭއްގައި ހިމެނެނީ ސްޓިންގާސްއާއި ރެޑް ވިންގްސް އަދި ރައިވެރިޔާ އެވެ.

އެ މުބާރާތުގެ ފުރަތަމަ ޑިވިޝަންގައި ހަތަރު ޓީމެއް ވާދަކުރެ އެވެ. އެއީ ޓީރެކްސްއާއި، ދަ ބައުސްއާއި، ކިންގްސް ބީސީ އަދި ކުޑަހެންވޭރެވެ. އަންހެން ޑިވިޝަންގައި ވާދަކުރަނީ ރެޑްވިންގްސްއާއި ޒިގްޒެގް އަދި ސައިކްލޯން އެވެ.

މުބާރާތުގެ ދެވަނަ ޑިވިޝަންގެ ސެމީ ފައިނަލަށް ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ އަދި ދެވަނަ ޓީމު ދަތުރުކުރާނެ އެވެ.

ލީގު އުސޫލުން ކުޅުމަށް ފަހު ފުރަތަމަ ޑިވިޝަންގެ ސެމީ ފައިނަލު ކުޅުމަށް ހަމަޖެހިފައިވެ އެވެ. އެ ޑިވިޝަންގެ ސެމީގެ ފުރަތަމަ މެޗުގައި ލީގު އެއް ވަނަ އާއި ހަތަރު ވަނަ ޓީމު ބައްދަލުކުރާ އިރު، ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ލީގުގެ ދެވަނައާއި ތިންވަނަ ޓީމެވެ. އަންހެން ޑިވިޝަންގެ ސެމީ ފައިނަލް ކުޅުމަށް ހަމަޖެހިފައެއް ނުވެއެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރުމަށް ފަހު، ފައިނަލަށް ދަތުރުކުރާނީ އެއްވަނަ އަދި ދެވަނަ ޓީމެވެ.