އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގެ ދެވަނަ ލެގު މެޗުގައި ކްލަބު ވެލެންސިއާ އަތުން ބަލިވި ނަމަވެސް، ބޫޓާންގެ ތިމްޕޫ ސިޓީގެ ކުޅުންތެރީން ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި އަދި އެޓީމަށް އެންމެ ބޮޑު މައްސަލައަކަށްވީ، ހޫނު ގަދަވުންކަމަށް އެ ކްލަބުގެ ކޯޗު ޕަސަންގް ޝެރިންގް ބުނެފިއެވެ.

ބޫޓާނުގައި ކުޅުނު ފުރަތަމަ ލެގު ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވިއިރު، މާލޭގައި ކުޅުނު ދެވަނަ ލެގު މެޗުން ވެލެންސިއާ މޮޅުވީ 3-0 ލަނޑުންނެވެ. އެހެންކަމުން ޕްލޭއޯފް ބުރުން ފުރުސަތު ލިބޭނީ ވެލެންސިއާއަށެވެ.

"މެޗެއްގައިނަމަ، މޮޅުވުމާއި ބަލިވުން އޮންނާނެ. މިއަދު ބަލިވީ އަހަރެމެން. އެކަމަކު ކުޅުންތެރިންނާމެދު އަހަރެން ފަހުރުވެރިވޭ. އެމީހުން ރަނގަޅު ކުޅުމެއް ދެއްކި. އަހަރެން ކުރިން ވެސް ބުނިގޮތަށް އަހަރެމެންނަށް ހޫނުގެ ސަބަބުން މައްސަލަތަކެއް ކުރިމަތިވި. އެހެންވެ ކުރިއެކޭ އެއް ފެންވަރެއްގެ ކުޅުމެއް ޓީމުގެ ކުޅުންތެރިންނަކަށް ނުދެއްކުނު،" މެޗަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެމުން ތިމްޕޫގެ ކޯޗު ބުންޏެވެ.

ޝެރިންގް ބުނީ، ދެވަނަ ހާފުގައި ކުޅުންތެރީން ވަރުބަލިވީކަމަށް ދެކޭ ކަމަށާއި ވެލެންސިއާއިން ޖެހި ދެވަނަ ލަނޑަށްފަހު ތިމްޕޫގެ ކުޅުންތެރިން އިސްކަންދިނީ އެޓޭކަށް ކަމަށެވެ.

"ފުރަތަމަ ލަނޑަށްފަހު ކުޅުންތެރިން ކުރިއަށްޖެހިގެން ކުޅުނީ. އެހެންވެ ވެލެންސިއާގެ ދެވަނަ އަދި ތިންވަނަ ލަނޑު ޖެހީ ކައުންޓާ އެޓޭކްތަކުން. އަބަދުވެސް މޮޅުވާނީ މޮޅު ޓީމު. އެހެންވެ އަހަރެން ދެކެނީ މިއަދު ވެލެންސިއާއިން ވަރަށް ރަނގަޅު ކުޅުމެއް ދެއްކިކަމަށް. އަމިއްލަ ދަނޑުގައި ވެލެންސިއާއިން ރަނގަޅު ކުޅުމެއް ދެއްކި،" އޭނާ ބުންޏެވެ.

ތިމްޕޫގެ ކޯޗު އިތުރަށް ބުނީ، މެޗުން މޮޅުވެ ކޮލިފައިވުމަށް ލިބުނު ފުރުސަތު މިފަހަރު ގެއްލުނު ނަމަވެސް، ކުރިއަށްއޮތްތާގައި އޭއެފްސީ ކަޕުން ފުރުސަތެއް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ޕްލޭއޯފް ބުރުގައި ވެލެންސިއާ ނުކުންނަން ޖެހޭނީ އިންޑިއާގެ މޯހަން ބަގާން ނުވަތަ ސްރީލަންކާގެ ކޮލަމްބޯ އެފްސީއާ ދެކޮޅަށެވެ. ޕްލޭއޯފް ބުރުގައި ވެލެންސިއާ ކުޅޭ ފުރަތަމަ ލެގު މެޗު މިމަހުގެ 21 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައި ވާއިރު، ދެވަނަ ލެގު ކުޅޭނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. އޭގެ ތެރެއިން ފުރަތަމަ ލެގު މެޗަކީ ވެލެންސިއާގެ ހޯމް މެޗެވެ.