ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުގެ ހުންނަން ޖެހޭ ޝަރުތުތަކަށް އިސްލާހު ގެނައުމަށް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު އިސްލާހު ތަކަކާއެކު ކޮމިޓީން ފާސްކޮށްފި އެވެ.

މަޖިލީހަށް ބިލު ހުށަހެޅި ޝަރުތުތައް އިސްލާހުކޮށްފައިވާގޮތުން ކުޑަކުދިންނާއި ބެހޭ މީހުންނާއި ރޭޕް ކުރާމީހުންނަށްވެސް ހުކުމް ތަންފީޒުކޮށް ނިމޭތާ ދެ އަހަރު ފަހުން ކައުންސިލް އިންތިހާބުގައި ވާދަކުރެވޭނެ އެވެ.

މިއަދު ބޭއްވި ގައުމީ ސަލާމަތުގެ ކޮމިޓީގައި ބިލު ދިރާސާ ކުރުމަށް ފަހު ބައެއް ބަދަލުތައް ވަނީ ގެނެސްފައެވެ. އެގޮތުން ކުޑަކުދިންނާ ބަދު އަހުލާގީ އަމަލު ހިންގާ މީހުންނާއި ރޭޕްގެ ކުށްތަކުގައި ހުކުމް ކުރާ މީހުންނަށް ކައުންސިލް އިންތިހާބުގައި އެއްގޮތަކަށްވެސް ވާދަ ނުކުރެވޭ ގޮތަށް ބިލު ވަނީ އިސްލާހުކޮށްފައެވެ.

އޭގެ އިތުރުން މަސްތުވާތަކެތީގެ މައްސަލައެއް ސާބިތު ޖަލަށްލާ މީހަކަށް ކައުންސިލް އިންތިހާބުގައި ވާދަކުރެވޭނީ ހުކުމް ތަންފާޒު ކޮށް ނިމޭތާ، ނުވަތަ މާފުދޭތާ ހަތް އަހަރު ފަހުން ކަމަށް ކަނޑައަޅައި ބިލު ވަނީ އިސްލާހުކޮށްފައެވެ.

އެހެނިހެން ޖިނާއީ ކުށެއް ކޮށްގެން 12 މަހަށްވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް އައިސްފައިވާ މީހެއް ނަމަ އެމީހަކަށް ކައުންސިލް އިންތިހާބުގައި ވާދަކުރެވޭނީ ހުކުމް ތަންފީޒުކޮށް ނިމޭތާ ތިން އަހަރު ފަހުން ކަމަށް ކަނޑައަޅައި ބިލުވަނީ އިސްލާހުކޮށްފައެވެ.

މަޖިލީހަށް ބިލު ހުށަހެޅި އިރު އޭގައި ބުނެފައިވަނީ ހައްދު ކަނޑައެޅޭ ފަދަ ބޮޑު ކުށެއް ކޮށްފައިވާނަމަ އެމީހަކަށް ކައުސިލް އިންތިހާބުގައި ވާދަކުރެވޭނީ ހުކުމް ތަންފީޒު ކޮށް ނިމޭތާ ދެ އަހަރު ފަހުން ކަމަށެވެ.

އިސްލާހު ތަކާއެކު ކޮމިޓީން އެ ބިލު ފާސްކޮށްފައިވަނީ ކޮމިޓީއަށް ހާޒިރުވެ ވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. އޭގެތެރޭގައި އެމްޑީޕީގެ މެމްބަރުންވެސް ހިމެނިވަޑައިގަންނަވައެވެ.

މިއަދު މަޖިލީހުގައި އެބިލުގެ އިބްތިދާއީ ބަހުސް ކުރިއަށްދިޔަ މަރުހަލާގައި ގިނަ މެމްބަރުންތަކެއް ވަނީ އިސްލާހުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ނަމަވެސް ކޮމިޓީން ބިލު ފާސްކޮށްފައިވަނީ ބަހުސް މަރުހަލާގައި މެމްބަރުން ދެއްކި ވާހަކަފުޅުތަކަށް ރިއާޔަތް ކުރުމަށް ފަހު އެވެ.

މި ބިލާމެދު މާދަމާގެ މަޖިލިސް ޖަލްސާގައި ގޮތެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.