ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތްކުރާ ބައެއް މަދަނީ ޖަމިއްޔާތަކުން ބާއްވާ ދަރުސްތަކާ ގުޅޭ ގޮތުން މަގުތަކުގައި ދަމާ ބެނާތައް މާލެ ސިޓީ ކައުންސިލުން ނަގަމުންދާ މައްސަލަ ބޮޑުވެ، އެ ޖަމިއްޔާތަކުން ޝަކުވާ ކުރަން ފަށައިފި އެވެ.

ސަން އަށް މައުލޫމާތު ދިން ބައެއް މަދަނީ ޖަމްއިއްޔާތަކުން މިއަދު ބުނީ، ދީނީ ދަރުސްތައް އިޝްތިހާރުކުރުމަށް
މީގެ ދެރޭ ކުރިން މަގުމަތީގައި ދަމާފައި ހުރި ފޮތިގަނޑުތައް ނަގާފައިވަނީ މާލޭ ސިޓީ ކައުންސިލުން އަންގައިގެން ކަމަށް އެ ފޮތިގަނޑުތައް ނެގުމުގައި ހަރަކާތްތެރިވި މީހުން ބުނެފައިވާ ކަމަށެވެ.

"އެކި ދިމަ ދިމާގައި ހުރި ފޮތިތައް އެހުރީ ނަގާފައި. އެ އެއްޗިއްސެއް ނެތް. އެ ފޮތިތައް ކެނޑި މީހުންނާ ސުވާލު ކުރީމާ ބުނީ ސިޓީ ކައުންސިލުން އަންގައިގެންނޭ ކެނޑީ،" ވިލިމާލޭގައި ހަރަކާތްތެރިވާ ޕީސް ފައުންޑޭޝަންގެ ސެކްރެޓަރީ ޖެނެރަލް މުހަންމަދު ނަސްރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ސިޓީ ކައުންސިލުގެ އިދާރާއަށް ދިޔުމުން އެ ފޮތި ގަނޑުތައް އަބުރާ ދޫކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ދިޔައިމާ އެ ފޮތިގަނޑުތައް ދީފި،" ނަސްރު ވިދާޅުވި އެވެ.

އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްގެ ބެނާތައް ވެސް ސިޓީ ކައުންސިލުން ނަގާ ކަމަށް އެ ޖަމިއްޔާތަކުގެ އޮފިޝަލުން ވެސް ވިދާޅުވި އެވެ.

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔާ އަހުމަދު ޝަމާހު ރަޝީދު މިއަދު ވިދާޅުވީ މާލޭގެ މަގު ހުރަހަށް ވާގޮތަށް ބެނާތައް ދެމުމަކީ ގަވާއިދުން މަނާކަމެއް ކަމަށާއި މަގުގެ ހުރަހަށް ދަމާފައި ހުރި ބެނާތައް ސިޓީ ކައުންސިލުން ނަގަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ އެ ފޮތިތައް ނަގަނީ އެއީ ވަކިބަޔެއްގެ އެއްޗަކަށް ވާތީ ނޫން ކަމަށެވެ.

"ސިޓީ ކައުންސިލްގެ މަގުސަދަކީ ގަވާއިދު ނެގެހެއްޓުން. އެއްވެސް ގޮތަކަށް އެއީ ވަކި ޕާޓީ އެއް ނޫނީ ޖަމާއަތެއްގެ އެއްޗަކަށް ވާތީ ކުރާކަމެއް ނޫން. އަޅުގަނޑުމެން ގަވާއިދު ނެގެހެއްޓުމުގައި ވަކި ބަޔެއްގެ ކަނދުރާއަކަށް ނުބަލާނަން،" ޝަމާހު ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ފޮތި ގަނޑުތައް ނެގުމާއިއެކު ދީނީ ބައެއް ޖަމްއިއްޔާތަކުން ވަނީ އަލުން ފޮތިގަނޑުތައް މަޖީދީ މަގުގައާއި ސޯސަން މަގުފަދަ ބޮޑަތި މަގުތަކުގައި މަގުހުރަހަށް ދަމައިފަ އެވެ.

އެ ބާނާތަށް އަނެއްކާވެސް ނަންގަވާނެ ކަމަށް ސަމާހު މިއަދު ވިދާޅުވި އެވެ. "މިރޭވެސް މާދަންވެސް އެ ފޮތިގަނޑުތައް ނެގުމުގެ މަސައްކަތް ކުރާނަން. އަޅުގަނޑުމެން ގަވާއިދު ނަގަހައްޓަބް ޖެހޭ،" ޝަމާހު ވިދާޅުވި އެވެ.

މާލޭ ސިޓީގައި ބާއްވާ ބޮޑަތި ހަރަކާތްތައް މާކެޓް ކުރުމަށް މާލޭގެ ބޮޑަތި މަގުތަކުގައި މަގުހުރަހަށް ބެނާ ދެމުން ވަނީ އާންމު ކަމަކަށްވެފަ އެވެ.