07 Feb 2017, 18:48
ބުކަރެސްޓް(ފެބްރުއަރީ 7): ރޫމޭނިއާއަށް 1989 ވަނަ އަހަރު ގެނައި އިންގިލާބަށް ފަހު އެގައުމުގައި ބޭއްވި އެންމެ ބޮޑު މުޒާހަރާ، ކޮރަޕްޝަނާ ދެކޮޅު ހެދުމުގެ ގޮތުން ބާއްވައިފި އެވެ.
މިދިޔަ އަންގާރަ ދުވަހު ރޫމޭނިއާގައި މުޒާހަރާ ކުރަން ފެށީ ކޮރަޕްޝަނުގެ މައްސަލަތަކުގައި އަދަބު ދެވޭނީ 48،000 ޑޮލަރަށް ވުރެ މަތީ އަދަދެއް ހިމެނޭ މައްސަލަތަކުގައި ކަމަށް ކަނޑައަޅާ ގަރާރެއް އެގައުމުގެ ސަރުކާރުން ފާސްކުރުމާ ގުޅިގެންނެވެ.
ނަމަވެސް އެ އަމުރާ ގުޅިގެން ރޫމޭނިއާގައި އެތައް ހާސް މީހުން މުޒާހަރާ ކުރަން ފެށުމުން މިދިޔަ އާދިއްތަ ދުވަހު އެގައުމުގެ ސަރުކާރުން ވަނީ އެގަރާރު ބާތިލުކޮށްފައެވެ. އަދި ބައެއް ބަދަލުތައް ގެނައުމަށް ފަހު ރޫމޭނިއާގެ ގާނޫނު ހަދާ މަޖިލީހަށް އެގަވާއިދާ ބެހޭ ބިލެއް ހުށަހަޅާނެ ކަމަށް ބުނެފައެވެ.
ސަރުކާރުން އެފަދައިން ނިންމި ނަމަވެސް އިއްޔެވެސް ރޫމޭނިއާގެ އެކި ސަރަހައްދުތަކުގައި 600،000 ވަރަަކަށް މީހުން ވަނީ ކޮރަޕްޝަނާ ދެކޮޅު ހެދުމުގެ ގޮތުން މުޒާހަރާކޮށް، ސަރުކާރަށް އިތުބާރު ނެތް ކަމަށް ބުނެ ޝުއޫރުފާޅުކޮށްފައެވެ.
ސަރުކާރާ އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި އެގައުމުގެ ސަރުކާރުން ނެރުނު އަމުރުގެ ބޭނުމަކީ ވެރިކަން ކުރާ ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (ޕީއެސްޑީ)އާ ގުޅުން ހުރި ކޮރަޕްޓް އޮފިޝަލުން ޖަލުން ސަލާމަތް ކުރުމެވެ. (އަލްޖަޒީރާ)