07 Feb 2017, 15:34
ދިވެހި ސަރުކާރާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ފަރާތުން ޖީއެމްއާރު - އެމްއޭއެޗްބީ ކޮންސޯޓިއަމް އާ ދެކޮޅަށް ކުރިއަށް ގެންދިޔަ އާބިޓްރޭޝަން މައްސަލާގައި، ދިވެހި ސަރުކާރުގެ ގާނޫނީ ވަކީލުންގެ ގޮތުގައި ތަމްސީލުކުރެއްވި ރާއްޖޭން ބޭރުގެ ގާނޫނީ ޓީމްގެ ލީޑް ކައުންސެލުންގެ ގޮތުގައި ހަރަކާތްތެރިވި މައިކަލް ބްލޮކް ކިއުސީ އާއި ކެނެތު ޕެރޭރާ އާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި އެވެ. އަދި މި ބައްދަލުކުރެއްވުމުގައި، އާބިޓްރޭޝަން މަރުހަލާގައި އެ ދެ ބޭފުޅުން ކޮށްދެއްވާފައިވާ ބުރަ މަސައްކަތަށް، ދިވެހި ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ޝުކުރު އަދާކުރެއްވި އެވެ.
މިއަދު ރައީސް އޮފީހުގައި އޮތް ބައްދަލުކުރެއްވުމުގައި، އެޓާނީ ޖެނަރަލް މުޙައްމަދު އަނިލާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ނަޞީރާއި ޑެޕިއުޓީ އެޓަނީ ޖެނަރަލް އަޙުމަދު އުޝާމާއި އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރު ޢާދިލް މޫސާ އާއި އެމްއޭސީއެލްގެ ބޯޑު މެންބަރު އިބްރާހީމް މަހުފޫޒު ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.