ސްރީލަންކާއާއި ރާއްޖެއާ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުމާއި ގުޅުން ބަދަހިކުރުމުގެ ގޮތުން އުފައްދާފައިވާ ޖޮއިންޓް ކޮމިޝަންގެ ތިން ވަނަ ބައްދަލުވުން މާދަމާ މާލޭގައި ފަށާނެ އެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ސްރީލަންކާގެ ފޮރިން މިނިސްޓަރު މަންގަލަ ސަމަރަވީރަ ރާއްޖެ ވަޑައިގަންނަވާނެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ، މާދަމާ އަދި އޭގެ އަނެއް ދުވަހު މާލޭގައި އޮންނާނީ ލަންކާ-ރާއްޖެ ޖޮއިންޓް ކޮމިޝަނުގެ ތިންވަނަ ބައްދަލުވުން ކަމަށެވެ.

ނަވާރަސަތޭކަ އަށްދިހަ ހަތަރެއްގައި އުފެއްދި ޖޮއިންޓް ކޮމިޝަނުގެ ފުރަތަމަ ބައްދަލުވުން 2006 ވަނަ އަހަރު ބޭއްވި އިރު، ދެވަނަ ބައްދަލުވުން އޮތީ 2014 ވަނަ އަހަރު ސްރީލަންކާގައެވެ.

މާލޭގައި އޮންނަ، ލަންކާ - ރާއްޖެ ޖޮއިންޓް ކޮމިޝަނުގެ ތިންވަނަ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ ގޮތުން އެއްބާރުލުންދީ، ފަތުރުވެރިކަމާއި، މަސްވެރިކަމާއި ތައުލީމީ އަދި ސިއްހީ ދާއިރަގެ އިތުރުން ޒުވާނުންނާއި ކުޅިވަރު ކުރިއެރުވުމާއި، ވަޒީފާގެ ފުރުސަތުތަކާއި ސަގާތީ ގޮތުން އެއްބާރުލުން ދިނުމާ މެދު މަޝްވަރާ ކުރެވޭނެއެވެ.

ލަންކާގެ ފޮރިން މިނިސްޓަރު މަންގަލަ ސަމަރަވީރަ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާ ވެސް ބައްދަލުކުރައްވާނެ އެވެ.