ރާއްޖޭގެ ބައެއް ޓްރެވެލް އޭޖެންސީތަކަށާއި ކަސްޓަމަރުންނަށް އޮޅުވާލަމުންދާ އިޒްރޭލުގެ ދެ ޓްރެވެލް އޭޖެންސީއަކާ މެދު ސަމާލުވެ، އެ އޭޖެންސީތަކުން ހިދުމަތް ނުހޯދަން ސަރުކާރުގެ މާކެޓިން ކުންފުނިން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ފަރާތްތަކަށް ބާރުއަޅައި ޢެޑްވައިޒަރީ ނޯޓިސްއެއް ނެރެފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަނުން އެޑްވައިޒަރީ ނޯޓިހެއް ނެރެފައިވަނީ އިޒްރޭލުގެ "ޔެޝް ޓުއާސް ގްރޫޕް"އާއި "ޔަމްބަޓޭވަ ޓްރެވެލް އެންޑް ޓޫރިޒަމް"އާ ދެކޮޅަށެވެ. އެއީ ރާއްޖޭގެ އިތުރުން މަޝްހޫރު ފަތުރުވެރިންގެ މަންޒިލްތަކަށް ޒިޔާރަތްކުރަން ބޭނުންވާ ފަރާތްތަކަށް ހޮލިޑޭ ޕެކޭޖުތައް ވިއްކާ ދެ ޓްރެވެލް އޭޖެންސީ އެވެ.

މާކެޓިން ކުންފުނީގެ މެނޭޖިން ޑައިރެކްޓާ ސައިމަން ހޯކިންސް މިއަދު ވިދާޅުވީ، ވިޔަފާރި އެގްރިމެންޓުތަކަށް އިހުތިރާމް ނުކުރުމާއި ވިޔަފާރީގެ އާއްމު އުސޫލުތަކާ ހިލާފަށް އަމަލުކުރަމުންދާތީ އިޒްރޭލުގެ ދެ ޓްރެވެލް އޭޖެންސީއާމެދު ސަމާލުވުމަށް އަންގައި، ނޯޓިސް ނެރުނީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ކަމަށެވެ. ވަކި ގޮތެއް އަންގަން ދެން އެ ދެ އެޖެންސީން ހިދުމަތް ނުހޯދުމަށް ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ އެކި ފަރާތްތަކަށް ބާރުއަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހޯކިންސް ވިދާޅުވީ، އިޒްރޭލުގެ އެ ދެ ކުންފުނިން ރާއްޖޭގެ ބައެއް ޓްރެވެލް އޭޖެންސީތަކަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދައްކާ އޮތް ކަމަށާއި އޭގެ ތެރެއިން އެއް ޓްރެވެލް އޭޖެންސީއަކުން ރާއްޖޭގެ ކުންފުންޏަކަށް 20،000 ޑޮލަރު ނުދައްކާ ކަމުގެ ޝަކުވާއެއް ވެސް ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން، އެ އޭޖެންސީތަކުން ފައިސާ ނެގުމަށް ފަހު އިޒްރޭލް ކްލައިންޓުންނަށް އޮޅުވާލާކަމުގެ ސީރިއަސް ޝަކުވާތައް ވެސް އެމީހުންގެ ފަރާތުން ލިބިފައިވާ ކަމަށް ހޯކިންސް ވިދާޅުވި އެވެ. އެގޮތުން އެ އޭޖެންސީތައް މެދުވެރިކޮށް ރާއްޖެ އައި އިޒްރޭލުގެ ބައެއް ފަތުރުވެރިންނަށް ރިސޯޓުން އިންތިޒާމް ހަމަޖައްސާދީފައި ނުވާ ހާލަތްތައް ވެސް ދިމާވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ އެކަހަލަ އޮޅުވާލުންތަކެއް އުޅޭތީ ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކަށް އަޅުގަނޑުމެން އެކުންފުނިތަކާ މެދު ސަމާލުވާން ނަސީހަތްތެރިވީ." ހޯކިންސް ވިދާޅުވި އެވެ.