07 Feb 2017, 14:04
ސަރުކާރުގެ ބައެއް ވުޒާރާތަކުގެ ދަށުން ކުރަމުންދާ މަސައްކަތްތައް އިތުރުކޮށް ރައީސް ޔާމީން ގެނެސްފައިވާ ބައެއް ބަދަލުތައް މަޖިލީހުން ފާސްކުރަން މަޖިލީހަށް ހުށަހެޅި މައްސަލަ، ދިރާސާކުރަން މަޖިލީހުގެ ކޮމިޓީތަކަށް ފޮނުވައިފި އެވެ.
މިނިސްޓްރީތަކުގެ މަސައްކަތްތަކަށް ބަދަލު ގެނައުމަށްފަހު، އެކަން މަޖިލީހަށް އެންގެވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ. ފަސް މިނިސްޓްރީއެއްގެ މަސައްކަތަށް އައި ބަދަލާ ގުޅިގެން ރައީސް ހުށަހެޅުއްވި މައްސަލަ މިއަދުގެ ޖަލްސާއަށް ވަނީ އިއްވާފަ އެވެ. ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަނީ އެ މައްސަލަ ކޮމެޓީތަކަށް ފޮނުވާފަ އެވެ.
މިނިސްޓްރީތަކުގެ މަސައްކަތްތަކަށް ގެނައި ބަދަލުތައް
- ކޮމަންވެލްތުން ވަކިވުމާ ގުޅިގެން ފޮރިން މިނިސްޓްރީގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ނަން ނަމަށް ބަދަލު ގެނައުން
- ރަށްރަށަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް އެންވަޔަރަމެންޓް މިނިސްޓްރީއާ ހަވާލު ކުރުން
- ނެޝަނަލް ޕޭ ކޮމިޝަނުގެ ސެކްރެޓޭރިއެއްޓް ބެލެހެއްޓުން ފިނޭންސް މިނިސްޓްރީގައި ދަށަށް ބަދަލުކުރުން
- އޭޖީ އޮފީހުގެ ދާއިރާގެ މަސައްކަތްތަކަށް ބަދަލު ގެނައުން
- ސިއްހަތަށް ގެއްލުން ހުރި ކެމިކަލްތައް ދެނެގަތުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާ ހަވާލުކުރުން
ސަރުކާރުގެ ވުޒާރާތަކަށް ގެނައި މި ބަދަލުތައް މިއަދު މަޖިލީހުގެ އަމީން އާންމު އިއްވެވުމަށް ފަހު ދިރާސާ ކުރަން ދާއިމީ ކޮމިޓީތަކަށް ވަނީ ފޮނުވާފަ އެވެ. ކޮމެޓީތަކުން ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، ރައީސް ޔާމީން ހުށަހެޅުއްވި ކަންތައްތަކަށް ރުހުން ހޯދަންޖެހޭނެ އެވެ.