07 Feb 2017, 13:57
އިސްލާމް ދީނުގައި ހައްދު ކަނޑައަޅާފައިވާ ކުށެއް ނުވަތަ ހިޔާނާތާއި ރިޝްވަތާއި މަސްތުވާތަކެތި ބޭނުން ކުރުމާއި އޭގެ ވިޔަފާރި ކުރުމާއި ކުޑަކުދިންނާއި ބެހުމާއި ރޭޕް ކުރުމުގެ ކުށް ސާބިތުވެފައިވާ މީހުންނަށް ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތި ނުލެވޭ ގޮތަށް ހަދާފައި ވަނިކޮށް، އެ މީހުންނަށް ކުރިމަތިލެވޭ ގޮތަށް މަޖިލީހަށް ހުށަހެޅި އިސްލާހު ކޮމިޓީއަށް ފޮނުވައިފި އެވެ.
މިއަދު މަޖިލީހުގައި އިބްތިދާއީ ބަހުސް މަރުހަލާގައި ވެސް ގިނަ މެމްބަރުންތަކެއް އިސްލާހާ ދެކޮޅު ހަދާފައިވަނިކޮށް އެ އިސްލާހުކޮށް ގައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވަން ފާސްކޮށްފައި ވަނީ 41 މެމްބަރުން އެކަމަށް ތާއީދުކޮށްގެންނެވެ. މަޖިލީހަށް އެބިލު ބަލައިގަންނަން ނުފެންނަ ކަމަށް 23 މެމްބަރުން ވަނީ ވޯޓު ދީފަ އެވެ.
ކޮމިޓީ މަރުހަލާގައި އެ ބިލު އިތުރަށް ދިރާސާކޮށް އިސްލާހު ކުރެވޭނެ ކަމަށް ބައެއް މެމްބަރުން މިއަދުގެ މަޖިލީހުގައި ވަކާލާތުކޮށްފައިވެ އެވެ.
ލާމަރުކަޒީ ގާނޫނަށް އެ އިސްލާހު ހުށަހެޅުއްވީ ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އަލީ މުހައްމަދެވެ. އޭނާ އެ އިސްލާހު ހުށަހެޅީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކުން ފުރިހަމަ ވާން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށެވެ.
އެ އިސްލާހުގައިވާ ގޮތުން ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހަށް ވުރެ ކުރު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ ނަމަ އިންތިހާބުގައި ވާދަކުރެވޭނެ އެވެ.
ލާމަރުކަޒީ ގާނޫނުގައި މިހާރު ބުނެފައި ވަނީ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ވިޔަސް އަދި މަސްތުވާތަކެތި ބޭނުން ކުރުމާއި އޭގެ ވިޔަފާރިކޮށްފައިވާ ނަމަ އުމުރުގެ އެއްވެސް ހިސާބެއްގައި އިންތިހާބުގައި ވާދައެއް ނުކުރެވޭނެ ކަމަށެވެ. އަދި ކުޑަ ކުއްޖަކާ މެދު ބަދުއަހުލާގީ އަމަލު ހިންގި މީހުންނާއި ރޭޕުގެ ކުށް ސާބިތުވި މީހުންނަށް ވެސް އުމުރުގެ އެއްވެސް ހިސާބެއްގައި ވާދަ ނުކުރެވޭނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.
މިހާރު ހުށަހަޅާފައިވާ އިސްލާހާ ގުޅިގެން ކޮންމެ ކުށެއްކޮށް ބޮޑު ހުކުމެއް ތަންފީޒުކޮށްފައިވާ މީހެއް ނަމަވެސް ހުކުމް ތަންފީޒު ކުރާތާ ދެ އަހަރު ފަހުން ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރެވޭނެ އެވެ.
އަލީ މުހައްމަދު ވިދާޅުވީ އެ އިސްލާހު ހުށަހެޅުއްވީ ވީހާ ވެސް ގިނަ ބަޔަކަށް އިންތިހާބުގައި ވާދަކުރެވޭނެ މަގުފަހިކޮށްދިނުމަށް ކަމަށެވެ.
ހައްދު ކަނޑައެޅިގައިވާ ބޮޑެތި ކުށްތައް ކޮށްފައިވާ ފަރާތްތަކަށް ކައުންސިލަރުންނަށް ވުމުގެ ފުރުސަތު މީގެ ކުރިން ނުދީ އޮތް ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ވާދަކުރައްވަން ބޭނުންވާ ފަރާތްތަކުން އެފަދަ ކުށެއް ކޮށްފައިވާ ނަމަ އެކަން މަނާކުރާ އެއްވެސް މާއްދާއެއް ގާނޫނުގައި ބަޔާންކޮށްފައެއް ނުވެ އެވެ.