07 Feb 2017, 14:53
ގުދުރަތީ ކާރިސާއެއްގައި ރިސޯޓަށް ގެއްލުވުންވުމުން، މަރާމާތަށް ބަންދު ކުރާ މުއްދަތުގައި ކުއްޔާއި ކުލީގެ ޖޫރިމަނާ ހިނގުން މަޑުޖައްސާލެވޭކަން ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ.
ސިވިލް ކޯޓުން އެގޮތަށް ނިންމީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުގެ އަލިދޫ ރިސޯޓަށް ގުދުރަތީ ކާރިސާއެއްގައި ލިބުނު ގެއްލުންތަކަކާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ބުނެ، ނިންމާފައިވާ މައްސަލާގަ އެވެ.
ޔޮޓް ޓުއާސް އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ގުދުރަތީ ކާރިސާއާ ގުޅިގެން ރިސޯޓު މަރާމާތު ކުރުމަށް ބަންދުކޮށްފައިވާ މުއްދަތުގެ ތެރޭގައި އެ ރަށުގެ ކުއްޔާއި ކުލީގެ ޖޫރިމަނާ ހިނގުން މެދުކަނޑާލެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ލީސް އެގްރީމެންޓުގައި ލިކުއިޑޭޓް ޑެމޭޖަސް ނެގުމަށް ކަނޑައަޅާފައިވާ އުސޫލަކީ އަދުލުވެރި އުސޫލެއް ނޫން ކަމަށާއި އެ އުސޫލު އެގޮތަށް އޮތުމުގެ ސަބަބުން ޔޮޓް ޓުއާސްއަށާއި ފަތުރުވެރި ކަމަށް އިންވެސްޓްކޮށްފައިވާ އެތައް ދިވެހީންނަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ލިބެމުންދާ ކަމަށް އެ ދައުވާގައިވެ އެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކޮށްފައިވާ ދިވެހީންގެ އިންވެސްޓްމަންޓުތައް ހިމާޔަތްކުރެވެން އޮތީ ލިކުއެޑޭޓް ޑެމޭޖެސް ނެގޭނެ އިންސާފުވެރި އުސޫލެއް ކަނޑައެޅިގެން ކަމަށް ވެސް އެ ދައުވާގައި ވެއެވެ.
ޔޮޓް ޓުއާސް އިން އެދުނީ އެ މައްސަލަ ވަކިގޮތަކަށް ނިމެންދެން ކުލި ނެގުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށެވެ.
ސިވިލް ކޯޓުގެ ނިންމުމުގައި ވަނީ ޔޮޓު ޓުއާސް އިން ވަގުތީ އަމުރަށް އެދިފައިވާ ސަބަބުތަކަށް ބަލާއިރު، ލިބޭނެ ކަމަށް ބެލެވޭ ގެއްލުންތަކަކީ މާލީ ގެއްލުންތަކެއް ކަމަށާއި އެފަދަ ގެއްލުންތަކަކީ އަދުލުވެރި ގޮތެއްގައި އަނބުރާ އިއާދަކުރެވިދާނެ ގެއްލުންތަކެއްކަން ޝަރީއަތަށް ގަބޫލުކުރެވޭ ކަމަށެވެ.