07 Feb 2017, 13:08
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކޮންގްރެސް މިމަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް އެ އެސޯސިއޭޝަނުން ނިންމައިފިއެވެ.
އެފްއޭއެމްއިން ބުނީ، އެ ކޮންގްރެސްއަކީ އެ އެސޯސިއޭޝަންގެ ބަޖެޓް ފާސްކުރުމަށް ބޭއްވޭ ކޮންގްރެސްއެއް ކަމަށެވެ. އެގޮތުން ކޮންގްރެސްގައި ކްލަބުތަކުގެ ހުށަހެޅުންތަކާއެކު ބަޖެޓް ފާސްކުރުމަށް ހަމަޖެހިފައިވެއެވެ.
މިދިޔަ އަހަރު އެފްއޭއެމްގެ ރައީސްކަމަށް ބައްސާމް އަދީލް ޖަލީލް އިންތިހާބުކުރުމާއެކު، އޭނާ ވަނީ ފުޓްބޯޅައަށް ގިނަ ބަދަލުތަކެއް ގެނައުމަށް ނިންމައިފައެވެ. އޭގެ ތެރޭގައި އަތޮޅުތެރޭގެ ފުޓްބޯޅައަށް ބޮޑު އިސްކަމެއްދިނުމަށް ވެސް ބައްސާމް ނިންމާފައިވެއެވެ.
އެފްއޭއެމްއިން ވަނީ މިއަހަރު ފުޓްބޯޅަ ސީޒަނުގައި ކްލަބުތަކަށް ފައިސާދިނުމަށް ބަދަލުތަކެއް ގެނެސްފައެވެ. މާލޭ ލީގުގައި ވާދަކުރާ އަށް ޓީމާއި، މިނިވަން ޗެމްޕިއަންޝިޕުގެ ޓީމުތަކުގެ ތެރެއިން ޕްރިމިއާ ލީގަށް ކޮލިފައިވާ ހަތަރު ޓީމަށް ފައިސާގެ އެހީތެރިކަން ދިނުމަށް 12 ކުންފުނި ހަމަޖެއްސުމަށް ނިންމާފައިވެއެވެ. އަތޮޅު ތެރެއިން ޕްރިމިއާ ލީގުގައި ވާދަކުރާނީ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމެވެ.
މާލޭ ލީގުގައި ވާދަކުރާ ކޮންމެ ޓީމަކަށް އެ ކްލަބަކަށް ހަމަޖައްސާ ކުންފުންޏަކުން ދެ މިލިއަން ރުފިޔާ ދޭނެއެވެ. އަދި ޕްރިމިއާ ލީގުގައި އަތޮޅުތަކުން ވާދަކުރާ ހަތަރު ޓީމަށް އެ ޓީމުތަކަށް ހަމަޖައްސާ ކުންފުންޏަކުން 1.5 މިލިއަން ރުފިޔާ ދޭނެއެވެ. މިހާރު އެފްއޭއެމްއިން ދަނީ އެ ކުންފުނިތައް ހަމަޖައްސައި، އެއްބަސްވުމުގެ ކަންތައް ނިންމުމަށް މަސައްކަތްކުރަމުންނެވެ.