07 Feb 2017, 13:39
ސެކިއުރިޓީދޭ ފަރާތްތަކަށް ހާއްސަކޮށްގެން އެ ފަރާތްތަށް ތަމްރީން ކުރުމަށް ފުލުހުންގެ ސެކިއުރިޓީ އެންފޯސްމަންޓް ޔުނިޓުން ކޯހެއް ފެށުމަށް ނިންމައިފި އެވެ.
އިސްކަންދަރު ކޮށީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ސެޓްފިކެޓް ލެވެލް ތިނެއްގައި ފަށާ ސެކިއުރިޓީ އޮޕަރޭޝަން ކޯސް އިފްތިތާހުކޮށް ދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ.
ކޯސް އިފްތިތާހު ކޮށްދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ޒަމީރު ވިދާޅުވީ އެ ކޯހުގެ ސަބަބުން ފުލުހުންނާއި ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކުގެ ހިދުމަތް އިތުރަށް ފުޅާވެގެން ދާނެ ކަމަށާއި އެއާ އެކު އެ ފަރާތްތަކަށް ރައްޔިތުންގެ އިތުބާރު ބޮޑުވެގެން ދާނެ ކަމަށެވެ.
"މިހެންގޭ ކަންކަމަކީ ކުރިއަރަމުން މިދާ ރާއްޖޭގެ އިގްތިސާދަށް ވަރަށް މުހިންމު ކަމެއް. އެއީ އަޅުގަނޑުމެންގެ މުސްތަގްބަލް ބިނާވެގެން މިދަނީ އަޅުގަނޑުމެންގެ ޕްރޮޕަޓީ އާއި އަޅުގަނޑުމެން ކުރާ މަސަތްކަތް ރައްކާތެރިކުރުމަށް ކުރާ މަސަތްކަތްތަކުގެ މައްޗަށް. އަޅުގަނޑުމެން ތަރައްގީވަމުން މިދާވަރަށް ބަލާ އިރު އަޅުގަނޑު ގަބޫލު ކުރަނީ ފުލުހުންދޭ ހިދުމަތްތަކުން އެކަނި އަޅުގަނޑުމެންގެ މުދާ ރައްކާތެރި ނުކުރެވޭނެ ކަމަށް،" ޒަމީރު ވިދާޅުވި އެވެ.
ސެކިއުރިޓީ ދޭ ފަރާތްތަށް ތަމްރީން ކުރުމަށް ފުލުހުން ފަށަން ނިންމާފައިފާ ކޯސް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ޒަމީރު ވިދާޅުވީ އެ ސަބަބަށްޓަކައި ފުލުހުންނާ އެކު ދިވެހިންގެ މުދާ ރައްކާތެރިކުރުމަށް ސެކިއުރިޓީދޭ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުން ހަރަކާތްތަރިވަމުން އަންނައިރު އެފަރާތްތަށް ވާން ޖެހޭނީ އެކަށީގެންވާ ތަމްރީން ލިބިގެންވާ ފަރާތްތަކަކަށް ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ މިހާތަނަށް ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުން ވައްކަން ކުރުން ފަދަ އަމަލްތަކަށް މަގުފަހި ވަނީ އެތަންތާންގައި ހަރަކާތްތެރިވާ ސެކިއުރިޓީ އޮފިޝަލުންގެ އިހުމާލުން ކަމަށާއި އެ ފަދަ ފަރާތްތަކަށް ތަމްރީން ލިބުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.
"ރާއްޖޭގައި ފުރަތަމަ ފަހަރަށް ފުލުހުން މިހިންގާ ކޯހަކީ ރާއްޖޭގެ ވިޔަފާރިތަކާއި ދައުލަތުގެ މައްސަސާތަކުގެ އިތުރުން އަމިއްލަ ބައެއް ފަރާތްތަކަށް ބޭނުންވާ ޕާސަނަލް ސެކިއުރިޓީންނަށް ވެސް ވަރަށް މުހިންމު ވަސީލަތަކަށް ވެގެން ދާނެ،" އަޒްލީން ވިދާޅުވި އެވެ.
ފުލުހުންގެ އިދާރާ އިން ބުނީ މިއަދު އިފްތިތާހުކުރި ކޯހުގެ މަގުސަދަކީ ޓޫރިސްޓް ރިސޯޓްތަކާއި އާންމުންގެ ވިޔަފާރީ އާއި މުދާ ރައްކާތަރިކުރުމަށް ތަމްރީން ލިބިފައިތިބި ދިވެހި ގާބިލް ޒުވާނުން ބައިތެއްބެވުން ކަމަށެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރިޑިޓް ކޮށްފައިވާ ކޯސް މިއަހަރުގެ ތެރޭގައި ފައްޓާނެ ކަމަށް ފުލުހުން ބުންޏެވެ.