ޏ. ފުވައްމުލަކު ސިޓީގައި އަމިއްލަ ބަޔަކު ހިންގަމުންދާ ތައުލީމީ ސެންޓަރެއް ކަމަށްވާ ޒިކުރާ އިންސްޓިޓިއުޓަށް ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން ކޮލަޖެއްގެ ދަރަޖަ ދީފި އެވެ. މިއީ މާލެ ފިޔަވައި އަތޮޅު ތެރޭގެ ތައުލީމީ ސެންޓަރަކަށް ކޮލެޖެއްގެ ދަރަޖަ ދިން ފުރަތަމަ ފަހަރެވެ.

ޒިކުރާ އިންސްޓިޓިއުޓަށް ކޮލެޖެއްގެ ދަރަޖަ މިއަދު ދިނުމާ ގުޅިގެން އެ ސެންޓަރުގެ ނަން ވަނީ ޒިކުރާ އިންޓަނޭޝަނަލް ކޮލެޖްގެ ނަމަށް ބަދަލު ކޮށްފައެވެ. އަދި ޒިކްރާ އިންޓަނޭޝަނަލް ކޮލެޖުގެ ގަވާނިން ކައުންސިލުން ވަނީ ކޮލެޖުގެ ރެކްޓަރުގެ މަގާމަށް، އެ ސެންޓަރުގެ ކުރީގެ ޑީންގެ ފުވައްމުލަކު، ފިޔަނޫމާގެ، އަހުމަދު ނަފީސް ހަމަޖައްސާފައެވެ.

ޒިކްރާ އިންޓަނޭޝަނަލް ކޮލެޖުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މާލެ ފިޔަވައި އަތޮޅުތަކުގެ ސެންޓަރަކަށް ކޮލެޖެއްގެ ދަރަޖަ ދެވުނު ފުރަތަމަ ކޮލެޖަށް ވުމަކީ ފުވައްމުލަކަށް ލިބިގެންދިޔަ ބޮޑު ޝަރަފެއް ކަމަށާއި އެކަމާ އުފާކުރާ ކަމަށެވެ.

ޒިކުރާ އިންސްޓިޓިއުޓަކީ ޓީޗް އެންޑް ލާން ޕްރައިވެޓް ލިމިޓެޑްގެ ދަށުން 2014 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ރަޖިސްޓްރީ ކޮށް، 2015 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ކިޔަވައި ދޭން ފެށި މަތީ ތައުލީމުދޭ މަރުކަޒެކެވެ.

ގާތްގަނޑަކަށް 40 ދަރިވަރުންނާއެކު އެތަނުގައި ކިޔަވައިދޭން ފެށީ ހަމައެކަނި ލެވެލް ތިނެއް އަދި ހަތަރެއްގެ ޕްރޮގްރާމް ތަކުންނެވެ.

ނަމަވެސް ޒިކުރާ އިންސްޓިޓިއުޓުން ސެޓްފިކެޓް ތިނަކުން ފެށިގެން އެސޯސިއޭޓް ޑިގްރީ ފެންވަރަށް ތަފާތު ގިނަ ދާއިރާތަކުން ތައުލީމު ފޯރުކޮށްދެމުންދާ އެ ކޮލެޖުގައި 500 އަށްވުރެ ގިނަ ދަރިވަރުން ދަނީ ކިޔަވަމުންނެވެ.

އޭގެ ތެރޭގައި އެމްކިއުއޭ ގަބޫލުކުރާ ޕްރޮގްރާމްތަކުގެ އިތުރުން ދުނިޔޭގެ އެންމެ މަޝްހޫރު އެވޯޑިން ބޮޑީ ޕިއާސަންގެ ޑިޕްލޮމާ އިން ފެށިގެން އެސޯސިއޭޓް ޑިގްރީ ފެންވަރުގެ ކޯސްތައް ވެސް އެ ކޮލެޖުން މިހާރު ދަނީ ހިންގަމުންނެވެ.

ފުވައްމުލަކުގެ ތަފާތު ތިން ސަރަހައްދެއްގައި ކެމްޕަސްތައް ގާއިމްކޮށް ހަތަރު ފެކަލްޓީއެއް ހިންގަމުންދާ ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން ތައުލީމު ފޯރުކޮށްދޭ ދާއިރާތަކުގެ ތެރޭގައި ބިޒްނަސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، އެކައުންޓިން އެންޑް ފައިނޭންސް، ޓުއަރިޒަމް މެނޭޖްމަންޓްގެ އިތުރުން ސައިކޮލޮޖީ އެންޑް ކައުންސިލިން، ޓީޗިން، އިލެކްޓްރިކް ވަޔަރިން އަދި ރިފްރެޖެރޭޝަން އެންޑް އެއާކޮންޑިޝަން މެކޭނިކް ހިމެނެއެވެ.

ޒިކުރާ އިންޓަނޭޝަނަލް ކޮލެޖްގެ ރެކްޓަރު ނަފީސް ވިދާޅުވީ، އެ މަރުކަޒުގައި މިވަގުތު އެންމެ މައްޗަށް ވެސް ކިޔަވައިދެމުން ގެންދަނީ އެސޯސިއޭޓް ޑިގްރީގެ ފެންވަރަށް ނަމަވެސް ކޮލެޖެއްގެ ދަރަޖަ ލިބުމާއެކު ޑިގްރީ ޕްރޮގްރާމްތަކުގެ އިތުރުން ވަރަށް އަވަހަށް މާސްޓާސް ފެންވަރުގެ ޕްރޮގްރާމްތައް ވެސް ފަށާނެ ކަމަށެވެ.

އެގޮތުން، މިހާރު ޕިއާސަންގެ ޕްރޮގްރާމްގެ އެސޯސިއޭޓް ޑިގްރީ ފުރިހަމަކޮށް ފައިނަލް ޑިގްރީ ފެށުމަށް އިނގިރޭސިވިލާތުގެ ޔުނިވާސިޓީތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ނަފީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ، ސައިކޮލަޖީ ފަދަ ދާއިރާތަކުން ވެސް ވަރަށް އަވަހަށް ޑިގްރީ ޕްރޮގްރާމްތައް ކޮލެޖުގައި ފަށާނެ ކަމަށެވެ.