07 Feb 2017, 12:55
އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން ހުޅުމާލޭގައި އަޅާ ސްކޫލުގެ އިމާރާތް އަންނަ މަހު ފަހުކޮޅު، ހުޅުވާނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.
އޯޓިޒަމް އެސޯސިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިފްހާމް ހުސައިން ވިދާޅުވީ އެ އެސޯސިއޭޝަންގެ އާ އިމާރާތް ހުޅުވަން ނިންމާފައި ވަނީ ތަމްރީން ވެފައި ތިބި ގާބިލް ތެރަޕިސްޓުންނާ އެކު ކަމަށެވެ. އަދި އެ އިމާރާތް ހުޅުވުމުން، އެ އެސޯސިއޭޝަނުން އޯޓިޒަމާ ގުޅުން ހުރި ހުރިހާ ޚިދުމަތެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކައިރިން ވަކި ކަމެއް ނުވެގެންނޭ ކިޔާފަ ދެން ރާއްޖެއިން ބޭރަކަށެއް އިރާދަކުރެއްވިއްޔާ ކުއްޖަކު ގެންދާކަށް ނުޖެހޭނެ. މާޗް މަހުގެ ފަހު ކޮޅުގަ، މި މިޑް ޓާމް ހޮލިޑޭސް އަށް ބަންދުވެފަ ދެން ހުޅުވޭއިރު ސްކޫލް ވެސް ހުޅުވޭނެ،" އިފްހާމް ވިދާޅުވިއެވެ.

ހުޅުމާލޭގައި އަޅާ އޯޓިޒަމް އެސޯސިއޭޝަންގެ އާ އިމާރާތުގެ މަސައްކަތް ކުރިއަށްދަނީ --- ފޮޓޯ/ އެމްއޭއޭ
އޯޓިޒަމް އެސޯސިއޭޝަނަށް މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ހުޅުމާލޭގައި ގާއިމްކުރާ އެ އިމާރާތަކީ އެކަމަށްޓަކައި ސަރުކާރުގައި އެދުމުން 2014 ވަނަ އަހަރުގެ ތެރޭގައި އެ އެސޯސިއޭޝަނަށް ދިން ބިމެކެވެ.
ބޮޑުމިނުގައި 4000 އަކަފޫޓުގެ އެ ބިމުގައި އިމާރާތްކުރުމުގެ ހުއްދަ ކުރިން ދިނީ ހަތަރު ބުރީގެ އިމާރާތެކެވެ. ހަތަރު ބުރީގެ އިމާރާތް އެޅުމަށްޓަކައި 2015 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ބިންގާ އެޅިއެވެ. ނަމަވެސް ފަހުން އެޗްޑީސީން ދިން ހުއްދައާއެކު އިމާރާތް ހަ ބުރިއަށް ހަދަން ނިންމައި، އިމާރާތުގެ މަސައްކަތް ކުރަމުންދާ ސިންގަޕޫރުގެ ދަ ވިން ރަން އެޗްކޭ އިންޓަނޭޝަނަލް ޓްރޭޑިން ލިމިޓެޑާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.
އެ އިމާރާތުގައި 400 ކުދިންގެ ޖާގައިގެ އޯޓިޒަމް ކުދިންނަށް ބޭނުންވާ ހުރިހާ ތެރަޕީތައް ދެވޭ ޑިޕާޓްމަންޓުތަކާ ކުޅިވަރު ކުޅޭނެ ތަންތަނާއި މޫދުގެ ހަރަކާތް ހިންގުމަށް ސްވިމިން ޕޫލެއް ހުންނާނެ އެވެ. އަދި އޯޓިޒަމް ކުދިންނަށް ހާއްސަ ޑޭކެއާ ސެންޓަރެއްވެސް އެތަނުގައި ގާއިމް ކުރާނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެފައިވެއެވެ.
އޯޓިޒަމް ހުންނަ، އުމުރުން ދެ އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް ތެރަޕީތަކާއެކު އެކިކަހަލަ އެހީތެރިކަން ފޯރުކޮށްދިނުމަށް އަމިއްލަ ޖަމިއްޔާއެއްގެ ގޮތުގައި 25 ޖަނަވަރީ 2010 ވަނަ އަހަރު އޯޓިޒަމް އެސޯސިއޭޝަންގެ ފަށައިގަތީ އެންމެ ހަތަރު ކުދިންނާއެކުގައެވެ.
އެ ޖަމިއްޔާގެ ހިދުމަތްތައް ފުޅާކޮށް އެތަނުގެ ހިދުމަތް މިހާރު 94 ދަރިވަރުން ހޯދަމުންދާއިރު، އެ އެސޯސިއޭޝަނުންދަނީ އޯޓިޒަމް ކުދިންނަށާއި އޯޓިޒަމްއާ މެދު މީހުން ހޭލުންތެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.