ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑަށް އެ ކުންފުނީގެ އާންމު ހިއްސާދާރުންގެ ތެރެއިން ހޮވާ ތިން ޑިރެކްޓަރުންގެ މަގާމަށް ކުރިމަތުލުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

ބީއެމްއެލުން މިދިޔަ މަހު ކުރި އިއުލާނެއްގައި ބުނީ އެ މަގާމަށް އެދި ހުށަހެޅުމުގެ ފޯމު، 25 ޖެނުއަރީން ފެށިގެން ފެބްރުއަރީ 15ގެ ނިޔަލަށް ލިބެން ހުންނާނެ ކަމަށާއި، އެ މުއްދަތުގައި ފޯމު ބަލައިގަންނަމުން ވެސް ދާނެ ކަމަށެވެ.

ބީއެމްއެލުން ބުނީ އެ ކުންފުނީގެ ބޯޑު ޑިރެކްޓަރަކަށް ވެވޭނީ ބޭންކިންގް، މާލީ ޚިދުމަތް، އިންވެސްޓްމެންޓް ވިޔަފާރި އަދި މާކެޓު ރިސްކާ ބެހޭ މައުލޫމާތު ލިބިފައި ހުރި، އަޚްލާގު ރަނގަޅު އަދި އާންމު ހިއްސާދާރުންގެ މަސްލަހަތު ތަމްސީލުކޮށްދޭނެ، އަދި ސާބިތު ދަރަންޏެއް ނެތް، 30 އަހަރާއި 70 އަހަރާ ދެމެދުގެ ފަރާތްތަކަށް ކަމަށެވެ.

ބީއެމްއެލުން ބުނީ، އެ ކުންފުނީގެ ބޯޑަށް ސީއެމްޑީއޭގެ ކޯޕަރޭޓް ގަވަނަންސް ކޯޑުގައިވާ ގޮތަށް ކުންފުނިތަކުގެ ބޯޑުގައި ޖެންޑާ ޑައިވާސިޓީ ހިމެނުމަށް ބާރުއަޅާތީ، ބީއެމްއެލްގެ ބޯޑަށް ވެސް އަންހެން ކަނބަލުން ކުރިމަތިލުމަށް ހިތްވަރުދީ، އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ.

ބީއެމްއެލްގެ ބޯޑުގައި 11 ޑިރެކްޓަރުން ތިއްބަވައެވެ. އެއީ ސަރުކާރުން އައްޔަނުކުރާ އަށް ޑިރެކްޓަރަކާއި، އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް އައްޔަނުކުރާ ތިން ޑިރެކްޓަރުންނެވެ.

ބީއެމްއެލްގެ ބޯޑުގައި މިހާރު އާންމު ހިއްސާދާރުން ތަމްސީލުކުރައްވާ ތިން ޑިރެކްޓަރުންނަކީ މއ. ޓިއުލިޕްވިލާ މުހައްމަދު ސައީދު، މ. އެގްޒެޓާ އިބްތިޝާމާ އަހްމަދު ސައީދު، އަދި ނ. ހޮޅުދޫ ނެލަމް، އިބްރާހިމް މުހައްމަދެވެ.

ބީއެމްއެލްގެ ބޯޑަށް އާ ޑިރެކްޓަރުން އައްޔަނު ކުރާނީ މިއަހަރު އެ ބޭންކުން ބާއްވާ، މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ. އެ ޖަލްސާ ބާއްވާނެ ތާރީޚެއް ބީއެމްއެލުން އަދި ހާމައެއް ނުކުރެއެވެ.

ނިމިދިޔަ 2016 ވަނަ އަހަރަކީ ބޭންކް އޮފް މޯލްޑިވްސްއަށް ރިކޯޑު އަދަދަކަށް ފައިދާވި، ކާމިޔާބު އަހަރެކެވެ. މިދިޔަ އަހަރު ބީއެމްއެލްއަށް 1.03 ބިލިޔަން ރުފިޔާ، ފައިދާގެ ގޮތުުގައި ލިބިފައިވެއެވެ. އެއީ 2015 ވަނަ އަހަރާ އަޅާ ބަލާއިރު ދެގުނަ ބޮޑު އަދަދެކެވެ.