26 Jun 2011, 18:40
އެއާޕޯޓްގެ އިމިގްރޭޝަން ކައުންޓަރުތައް ސިފައިން ބަލަހައްޓަމުން ގެންދިއުމަކީ މިލިޓަރީ ވެރިކަމެއް އޮންނަ ގައުމެއްގެ ގޮތުގައި ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެ ސިފަވެގެންދާ ކަމެއް ކަމުގައި ޑީއާރްޕީން ބުނެފި އެވެ.
އެ ޕާޓީން މިއަދު ނެރުނު ބަޔާނުގައި ބުނަނީ، ފަތުރުވެރިކަމުގެ ސިނާއަތަށް ގައުމުގެ އިގުތިސާދު ބިނާވެފައިވާއިރު، ސިފައިން އެއާޕޯޓްގެ އިމިގްރޭޝަން ކައުންޓަރުތައް ބަލަހައްޓަމުން ދިއުމަކީ ގައުމުގެ ހާލަތާމެދު ފަތުރުވެރިންގެ ހިތްތަކުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފެދޭނެ ކަމެއް ކަމަށެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެއަކީ މިއަންމާފަދަ މިލިޓަރީ ވެރިކަމެއް އޮންނަ ގައުމެއްގެ ގޮތުގައި ސިފަވެގެންދާނެ ކަމެއް ކަމަށް ވެސް ބަޔާނުގައި ބުނެ އެވެ.
އަދި އެއާޕޯޓްގެ އިމިގްރޭޝަން ކައުންޓަރުތަކުގައި ސިފައިން ހަރަކާތްތެރިވަމުންދާކަމީ މިއަދު އެމްޑީޕީގެ ސަރުކާރުގެ "ގާބިލުކަން ކުޑަކަމާއި، ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ވައްޓަފާޅި ނެތްކަމާއި، ގާނޫނާއި ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިތާކަމުގެ އިތުރު ހެއްކެއް" ކަމަށް ވެސް އެޕާޓީން ބުނެ އެވެ.
އަދި ގައުމުގެ ސަލާމަތަށް ނުރައްކާވާފަދަ ކަންކަން ހިނގައިގެން އުޅޭކަމަށް ދޭހަވާގޮތަށް ހަބަރުތައް މީޑިއާއިން ލިބެމުންދާ ކަމަށާއި އެކަމާ ބެހޭގޮތުން ރައްޔިތުންނަށް އެއްވެސް މައުލޫމާތެއް ނުވަތަ އެކަމާ ގުޅޭގޮތުން ސަރުކާރުން ގެންގުޅުއްވާ ސިޔާސަތެއް ހާމަކޮށްފައި ނުވުމުގެ ސަބަބުން ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށް ވެސް ޑީއާރްޕީން ބުނެފައިވެ އެވެ. އަދި ސަރުކާރުގެ ސިޔާސަތު ވީހާވެސް އަވަހަށް ހާމަކުރުމަށް ގޮވާލާފައިވެ އެވެ.
މީގެ އިތުރުން ޑީއާރްޕީން ބުނެފައިވަނީ، އިމިގްރޭޝަނާއި ހިއުމަން ރިސޯސަސް މިނިސްޓްރީގެ ބައެއް މަސްއޫލިއްޔަތުތައް ސަރުކާރުން ސިފައިންނާ ހަވާލުކުރުމުގެ ސަބަބުން އެ ދެ އިދާރާގެ މުވައްޒަފުންގެ އިތުބާރު ރައްޔިތުންގެ ކުރިމަތީ ވެއްޓިގެން ގޮސްފައިވާތީ، ސަރުކާރު ކުށްވެރިކޮށްފަ އެވެ.
"... އިހުލާސްތެރިކަމާއެކު ގައުމަށް ހިދްމަތް ކުރަމުންދިޔަ އެތައް ސިވިލް ސަވިސް މުވައްޒަފުންތަކެއްގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ވެއްޓިގެން ގޮސްފައިވާ ކަމަށް ބުނެ، ސަރުއެއްވެސް މަސައްކަތެއްނެތި ބާކީކޮށްލައި، އެމުވައްޒަފުންގެ ވަޒީފާ ގެއްލިދާނެކަމުގެ ބިރުވެރިކަން ލިބޭފަދަ ގޮތަކަށް ސަރުކާރުން އަމަލުކުރަމުން ގެންދާތީ ޑީއާރުޕީ އިން އެކަން ކުށްވެރިކުރަމެވެ. އަދި ތަހުގީގުކުރަންޖެހޭ މައްސަލަތަކެއް ހުރިނަމަ، ގާނޫނީ ގޮތުން ތަހުގީގު ކުރުމުގެ މަސްއޫލިއްޔަތު އަދާކުރަންޖެހޭ މުއައްސަސާތައް މެދުވެރިކޮށް އެކަންކަން ކުރެއްވުމަށް ސަރުކާރަށް ގޮވާލަމެވެ." ބަޔާނުގައިވެ އެވެ.