07 Feb 2017, 12:14
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ޝަރުތުތަކަށް ބަދަލުގެންނަން ސަރުކާރަށް ހިންގާ ޕާޓީ، ޕީޕީއެމަށް ނިސްބަތްވެ ވަޑައިގަންނަވާ ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު ހުށަހެޅުއްވި އިސްލާހަށް ޕީޕީއެމްގެ މެމްބަރުން ވެސް ފާޑުު ވިދާޅުވެއްޖެ އެވެ.
ވެރިކަންކުރާ ޕާޓީގެ މެމްބަރަކު ބިލެއް ހުށަހަޅައިގެން އެ ޕާޓީގެ މެމްބަރުންގެ ފާޑު ކިޔުން އައިސްފައި ވަނީ މަދު ފަހަރަކު އެވެ. ނަމަވެސް މިއަދު އެ އިސްލާހަށް ޕީޕީއެމްގެ ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު "އިސްލާހު ހުށަހެޅީ ޕީޖީ ގުރޫޕުގައި މަޝްވަރާނުކޮށް" ކަމަށް ޕީޕީއެމްގެ ބައެއް މެމްބަރުން ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނުގައި މިހާރު ބުނެފައި ވަނީ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ވިޔަސް އަދި މަސްތުވާތަކެތި ބޭނުން ކުރުމާއި އޭގެ ވިޔަފާރި ކޮށްފައިވާ ނަމަ އުމުރުގެ އެއްވެސް ހިސާބެއްގައި އިންތިހާބުގައި ވާދައެއް ނުކުރެވޭނެ ކަމަށެވެ.
ނަމަވެސް މެމްބަރު އަލީ މުހައްމަދު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން އެފަދަ ކުށްތައް ކޮށްފައިވާ ފަރާތްތަކަށް ވެސް ހުކުމް ތަންފީޒު ކުރާތާ ދެ އަހަރު ފަހުން އިންތިހާބުގައި ވާދަކުރެވޭނެ އެވެ. ގިނަ މެމްބަރުންގެ ކަންބޮޑުވުން ހުރީ އެ އިސްލާހާ ގުޅިގެންނެވެ.
"ކުޑަކުދިންނާ ބެހޭ މީހުންނާއި ޑްރަގް ބޭނުންކުރާ މީހުންނާއި މިނޫން ހުރިހާ ގޮތަކަށް މި ކުށްވެރިންނަށް މާފުދިނީމާ ތިމަންނާގެ ކެންޑިޑޭޓުން ގޮތުގައި ނުކުންނަން ޖެހޭނޭ ބުނެގެން އެކަންކުރާ އުސޫލުން ކުރާތީ ތާއީދު ކުރެވޭކަށް ނެތް،" މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވި އެވެ.
މެމްބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ ހައްދު ކަނޑައެޅިފައިވާ ކުށްތަކުގެ ތެރޭގައި ހިމެނޭ ވައްކަމާއި ކުޑަކުދިންނާއި ބެހުމާއި ރޭޕް ކުރުމާއި މަސްތުވާތަކެތި ފަދަ ބޮޑެތި ކުށްތައްކުރާ ފަރާތްތަކަށް ކައުންސިލްރުންނަށް ވުމުގެ މަގު ފަހިގެން ދާތީ އެެވެ.
ބައެއް މެމްބަރުން ގަބޫލުކުރާ ގޮތުން ކޮމިޓީ މަރުހަލާގައި އެ ބިލަށް ބަދަލުތަކެއް ގެންނަން ޖެހެ އެވެ. އެއީ ހައްދު ކަނޑައަޅޭ ކުށެއްކޮށް ހުކުމް ތަންފީޒު ކުރާތާ ދެ އަހަރުފަހުން އިންތިހާބުގައި ވާދަކުރެވޭ ގޮތަށް އޮތުން ރަނގަޅު ނޫން ކަމަށް ފެންނާތީ ކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ.
"ފުރުސަތު ދޭން ޖެހޭނެ. އެކަމަކު ދެ އަހަރުގެ މުއްދަތަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރަނގަޅު މުއްދަތެއް ނޫން. އެންމެ ކުޑަވެގެން ވެސް ފަސް އަހަރުގެ މުއްދަތަކަށް ބަލަން އެބަޖެހޭ. ރައްޔިތުންގެ ވަރަށް ބޮޑު ޒިންމާތަކެއް އުފުލައިގެން ކަންތައްތަކެއް ކުރަން ޖެހޭ ބައެއްގެ ވާހަކަ މިދައްކަނީ،" ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވި އެވެ.
ޖަމީލު އުސްމާންގެ ވާހަކަފުޅަށް ތާއީދު ކުރައްވައި ޕީޕީއެމަށް ތާއީދު ކުރައްވާ އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވެސް ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ.
ނަމަވެސް ޕީޕީއެމްގެ ބައެއް މެމްބަރުން އެ އިސްލާހަށް ތާއީދު ވެސް ކުރި އެވެ. ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ ކުށެއް ކޮށްފައި ތިބޭ މީހުން އަލުން އަނބުރާ މުޖުތަމައުއަށް ގެނެސް ފުރުސަތު ދިނުމަކީ ކުރެވެމުންދާ ކަމެއް ކަމަށެވެ. އެހެންވީމަ ހައްދު ކަނޑައަޅާ ކުށް ކުރާ މީހުން ކައުންސިލަރު ކަމަށް ވާދަ ނުކުރެވޭ ގޮތަށް އޮތުން ރަނގަޅު ނޫން ކަމަށް ރިޔާޒު ރަޝީދު ފާހަގަކުރި އެވެ.
"ބިލުގައި އަޅުގަނޑުމެން ކަނބޮޑުވާން ޖެހޭ މާ ބޮޑެތި މައްސަލަތަކެއް ހުރި ކަމަކަށް ނުދެކެން،" ރިޔާޒު ރަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ސަރުކާރުގައި ވަޒީރުންނަށާއި، ކުންފުނިތަކުގެ ފެރިންނަށް ތިބީ "ހަޑިމުޑުދާރު ފިލްމު ކުޅެފައި ތިބި މީހުން،" ކަމަށް ރިޔާޒު ރަޝީދު ވިދާޅުވި އެވެ.
ޕީޕީއެމްގެ ބައެއް މެމްބަރުން އެ އިސްލާހާ ދެކޮޅު ހެދުމުން އިދިކޮޅު މެމްބަރުން ވަނީ އެކަމާ ފާޑު ވެސް ކިޔައިފަ އެވެ. ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ސަރުކާރުން އެފަދަ ބިލެއް ހުށަހެޅުމުން "އެއާ ހަވާލުވާން ނުކެރިގެން އުޅެމުންދާ މަންޒަރު" ފެންނަ ކަމަށެވެ.
"ކުޑަކުއްޖަކާ ބެހިފައި ހުންނަ މީހަކު. މަސްތުވާތަކެތި ވިއްކާފަ ހުންނަ މީހަކު ރަށުގެ ކައުންސިލުގެ ރައީސްކަށް އިނީމާ އޭނަޔާ ދިމާލަށް ގޮވާނެ އެއްޗެއް އެނގޭނީ އެ ރަށެއްގައި އުޅޭ ރައްޔިތުންނަށް،" އަބްދުލްޣަފޫރު މޫސާ ވިދާޅުވި އެވެ.
ހައްދު ކަނޑައެޅިގައިވާ ބޮޑެތި ކުށްތައް ކޮށްފައިވާ ފަރާތްތަކަށް ކައުންސިލަރުންނަށް ވުމުގެ ފުރުސަތު މީގެ ކުރިން ނުދީ އޮތް ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ވާދަކުރައްވަން ބޭނުންވާ ފަރާތްތަކުން އެފަދަ ކުށެއް ކޮށްފައިވާ ނަމަ އެކަން މަނާކުރާ އެއްވެސް މާއްދާއެއް ގާނޫނުގައި ބަޔާންކޮށްފައެއް ނުވެ އެވެ.