07 Feb 2017, 13:18
އެމްނެސްޓީ (ފެބްރުއަރީ 7): ސީރިއާގެ ޖަލެއްގައި ސިއްރިއްޔާތުން 13،000 މީހަކު ދަންޖައްސައިގެން މަރާފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާ އެމްނެސްޓީ އިންޓަނޭޝަނަލްއިން ބުނެފި އެވެ.
އެމްނެސްޓީން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ސެޕްޓެމްބަރު 2011 އާއި ޑިސެމްބަރު 2015އާ ދޭތެރޭ ކޮންމެ ހަފްތާއަކު ސައިދުނާޔާ ޖަލުގައި 20 އާއި 50 ހާ ދެމެދުގެ މީހުން މަރާފައިވެ އެވެ. އަދި އޭގެ ތެރޭގައި ގިނައިން ހިމެނެނީ ސަރުކާރާ ދެކޮޅު އާއްމު ރައްޔިތުން ކަމަށާއި އެމީހުން މެރުމަށް ސީރިއާ ސަރުކާރުގެ އެންމެ އިސް ފަރާތްތަކުން ހުއްދަ ދީފައިވާ ކަމަށް އެމްނެސްޓީން ބުނެ އެވެ.
އެރިޕޯޓު އެކުލަވާލުމަށް ޓަކައި އެމްނެސްޓީން ވަނީ 84 މީހަކާ އިންޓަވިއުކޮށްފަ އެވެ. އޭގެ ތެރޭގައި ޖަލުގެ ކުރީގެ ގާޑުންނާއި ކުރީގެ ގައިދީންނާއި، ޖަލުގެ އޮފިޝަލުން ހިމެނެ އެވެ.
އެމްނެސްޓީގެ ރިޕޯޓުގައިވާ ގޮތުން ސައިދުނާޔާ ޖަލަށް ގެންދާ މީހުން ފުރަތަމަ "އަސްކަރީ ކޯޓަކަށް" ގެންދިޔުމަށް ފަހު ދެ ތިން މިނިޓުގެ "ޝަރީއަތެއް" ކުރިއަށް ގެންދެ އެވެ.
އެފަދަ އަސްކަރީ ކޯޓެއްގައި މީގެ ކުރިން މަސައްކަތް ކުރެއްވި ފަނޑިޔާރަކު ވިދާޅުވި ގޮތުގައި އެކޯޓަށް ގެންދާ މީހުން ކައިރިން އެމީހުންނަކީ ކުށްވެރިންތޯ ސުވާލު ކުރެ އެވެ. އަދި އެމީހުންގެ ޖަވާބަކީ "އާއެކޭ" ނުވަތަ "ނޫނެކޭ" ކަމަށްވި ނަމަވެސް ޝަރީއަތް ނިމޭނީ އެމީހުންގެ މައްޗަށް ކުށް ސާބިތުވެގެން ކަމަށާއި އެކޯޓަކީ ގާނޫނުތަކާ އެއްވެސް ގުޅުމެއް ނެތް ކޯޓެއް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

ސައިދުނާޔާ ޖަލުގެ ކުރީގެ ގައިދީއެއް. އުމަރު އަލް ޝުގްރާ ހައްޔަރު ކުރުމުގެ ކުރިން (ވ) އަދި ޖަލުން ދޫކޮށްލި އިރު (ކ) -- ފޮޓޯ: އެމްނެސްޓީ
އެމްނެސްޓީން ނެރުނު ރިޕޯޓުގައިވާ ގޮތުން އެޖަލުން ދަން ޖައްސަން ނިންމާފައިވާ މީހުންގެ ގާތުގައި އެމީހުން ދަން ޖައްސަން އުޅޭ ކަން އަންގަނީ އެންމެ ފަހު ވަގުތުގަ އެވެ. އޭގެ ކުރިން އެމީހުން ކައިރީ ބުނަނީ އެމީހުން އެހެން ޖަލަކަށް ބަދަލު ކުރަން އުޅޭ ކަމަށެވެ. އަދި އޭގެ ބަދަލުގައި އެމީހުން އެހެން ޖަލު ގޮޅިއަކަށް ގެންގޮސް ދެތިން ގަޑި އިރުވަންދެން އަނިޔާ ކުރާ ކަމަަށެވެ.
ދެން ރޭގަނޑު ދަންވަރު އެމީހުންގެ މޫނު ފޮރުވައިގެން ދަން ޖައްސަން ހާއްސަކޮށްފައިވާ ގޮޅިއަށް ގެންގޮސް، ދަން ޖައްސަން އުޅޭ ކަމަށް ބުނުމަށް ފަހު މަރާލަނީ ކަމަށް ރިޕޯޓުގައިވެ އެވެ.
އޭގެ ފަހުން މަރުވެފައިވާ މީހުންގެ ހަށިގަނޑު ލޮރީއަކަށް ލައިގެން އަސްކަރީ ހޮސްޕިޓަލަކަށް ގެންދިޔުމަށް ފަހު އެމީހުން އެހޮސްޕިޓަލުގައި ރެޖިސްޓާކޮށް، އަސްކަރިއްޔާގެ ބިމުގައި ހަދާފައިވާ ބޮޑެތި މަހާނަތަކުގައި އެމީހުން ވަޅުލާ ކަމަށް ރިޕޯޓުގައިވެ އެވެ.
އެހެންކަމުން އެމްނެސްޓީއަށް ލިބިފައިވާ ހެއްކަށް ބަލާއިރު ފަސް އަހަރު ތެރޭގައި ސީރިއާ ސަރުކާރުން ވަނީ 5،000 އާއި 13،000ހާ ދެމެދުގެ މީހުން މަރާފައި ކަމަަށް އެމްނެސްޓީން ބުނެ އެވެ.
އަދި 2015ގެ ފަހުން އެޖަލުގައި މީހުން މެރިކަމުގެ އެއްވެސް ހެއްކެއް ނެތް ނަމަވެސް އެޖަލުގައި އަދިވެސް މީހުން މަރަމުންދާ ކަމަށް ގަބޫލު ނުކުރަންވީ ސަބަބެއް ނެތް ކަމަަށް އެމްނެސްޓީން ބުނެ އެވެ.
މީގެ އިތުރުން އެމްނެސްޓީން ވަނީ އެއީ އިންސާނިއްޔާތާ ދެކޮޅު، ހަނގުރާމައިގެ ޖަރީމާތައް ކަމަށް ބުނެފަ އެވެ.
އެމްނެސްޓީން ބުނި ގޮތުގައި އެތުހުމަތުތަކާ ބެހޭ ގޮތުން މިދިޔަ މަހު ސަރުކާރާ ސުވާލު ކުރި ނަމަވެސް ސަރުކާރުން އެއަށް ރައްދު ދީފައި ނުވެ އެވެ. ނަމަވެސް އޭގެ ކުރިން ސީރިއާ ސަރުކާރުން ވަނީ އެގައުމުގެ އަސްކަރިއްޔާ އިން ގައިދީން މަރާ ކަމަށް ނުވަތަ އެމީހުންނަށް އަނިޔާކުރާ ކަމަށް ބުނާ ތުހުމަތުތައް ދޮގުކޮށްފަ އެވެ. (ބީބީސީ)